ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ރޯދަ މާރުކޭޓުން ދިވެހިންނަށް ގޮޅި ދޫކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
މިއީ ރަމަޟާން މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު ތާޒާ ކާބޯތަކެތީގެ ބާވަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި އެޗްޑީސީން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތަރައްގީކުރި މާރުކޭޓެކެވެ. މި މާރުކޭޓުގެ ހާއްސަ ކަމަކީ، ގޮޅިތައް ދޫކުރުމުގައި އެއްވެސް ކުއްޔެއް ނެގުމަކާ ނުލައި ހިލޭ ދޫކުރުމަށް ނިންމާފައިވުމެވެ.
މި މާރުކޭޓުގެ ގޮޅިތަކުގައި ވިއްކުމަށް ހުއްދަ ދެވިފައިވަނީ ކަނޑުމަހުގެ ބާވަތްތަކާއި، މޭވާއާއި ތަރުކާރީގެ އިތުރުން ދިވެހި އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކާބޯތަކެތީގެ ބާވަތްތަކެވެ.
ގޮޅިތަކަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީގެ ރަސްމީ ވެބްސައިޓުން މިހާރު ފޯމު ލިބެން ހުންނާނެއެވެ. ފޯމު ބަލައިގަތުމާއި، ގޮޅިތައް ލިބޭ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު 15:30 ގައި، ސެންޓްރޯ މޯލްގައި ހުންނަ އެޗްޑީސީގެ ކަސްޓަމަރ ކެއަރ އޮފީހުގައެވެ.
މި ރޯދަ މާރުކޭޓު ގާއިމްކޮށްފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދެމެދުގައެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހައިން ޒިޔާރަތް ކުރެވޭނެ ފަދަ މައިގަނޑު ސަރަހައްދެކެވެ.



