ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، ބާޒާރުގައި ތަކެތީގެ އަގު ހިފެހެއްޓުމަށާއި އަސާސީ ކާބޯތަކެތި ހުސްނުވެ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން އިން ބާރުސްޕީޑުގައި ކުރިއަށްގެންދަން ފަށައިފިއެވެ.
ރަމަޟާންމަހަކީ ކެއިންބުއިމަށް ބޭނުންކުރާ ބާވަތްތަކުގެ ޑިމާންޑް އާދަޔާޚިލާފަށް އުފުލޭ މަހަކަށްވާއިރު، ރަމަޟާންމަސް ފެށެން ދެ ހަފްތާއަށް ވެފައި ވަނިކޮށް އެސްޓީއޯއިން ވަނީ ބާޒާރުގެ ތަދުމަޑުކަން ހައްލުކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ގޮތަށް، ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ، 10 ބާވަތުގެ ތަރުކާރީ، މުގު، ބިސް އަދި އަލުވި ހިމެނޭހެން ޖުމްލަ 23 ބާވަތެއްގެ އަސާސީ ކާބޯތަކެތި މުޅި ރަމަޟާންމަހު ހުސްނުވެ ލިބޭނެކަން އެސްޓީއޯއިން މިހާރު ވަނީ ކަށަވަރުކޮށްފައެވެ.
ކާބޯތަކެތީގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން ހަވާލުކުރި މި ޒިންމާގެ ދަށުން، އެސްޓީއޯއިން ދަނީ ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. ޚާއްޞަކޮށް 3،000 އިން މަތީގެ އާބާދީތަކުގައި އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް މި ތަކެތި ލިބޭނެ އިންތިޒާމު މިހާރު ދަނީ ހަމަޖައްސަމުންނެވެ.
ޚިދުމަތްތައް ފަސޭހަކުރުމުގެ ގޮތުން އެސްޓީއޯއިން ވަނީ ހުޅުމާލެ ފޭސް 1 ގައި އައު ފިހާރައެއް ހުޅުވުމުގެ މަސައްކަތް ފަށާފައެވެ. މި އައުޓްލެޓް ރަމަޟާންމަސް ފެށުމުގެ ކުރިން ހުޅުވާނެ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. މީގެއިތުރުން، ވިޔަފާރިވެރިންނަށް މުދާ ނެގުމުގައި ލުއިފަސޭހަ ކޮށްދިނުމަށްޓަކައި، ބާޒާރުމަތީގައި ހުރި އެސްޓީއޯ ހޯލްސޭލް ސެންޓަރު މިހާރު ވަނީ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށްފައެވެ.
ސަރުކާރުގެ ސިޔާސަތަކީ ކުދި ވިޔަފާރިތަކަށް ފަހި މާޙައުލެއް ބިނާކުރުން ކަމަށްވުމާއެކު، އެސްޓީއޯއިން އިސްކަންދެނީ ހޯލްސޭލްކޮށް މުދާ ދޫކުރުމަށެވެ. މީގެ ސަބަބުން ކުދި ފިހާރަތަކަށް ހެޔޮ އަގުގައި މުދާ ލިބި، ރައްޔިތުންނަށް އަތްފޯރާ އަގުތަކެއްގައި ތަކެތި ލިބުމަށް މަގުފަހިވެގެންދާނެއެވެ.



