ދިވެހި ޤައުމަށް އުޖާލާ މުސްތަޤުބަލެއް ހޯދުމަށްޓަކައި ކުޑަކުދިންގެ ހައްޤުގައި މަސައްކަތުރަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ކުޑަކުދިންގެ ދުވަހާއި ގުޅިގެން ފޮނުއްވެވި ހިތާބެއްގައެވެ.
ރައިސް ގެ ހިތާބުގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ލޮބުވެތި ކުޑަކުދިން ބޮޑެތި ކުރަންވާނީ، އިސްލާމީ އުޞޫލުތަކަށް ކަމޭހިތާ، ދިވެހިވަންތަކަމަށް ލޯބިކުރާ، ޤައުމު އިސްކުރާ، ގޮތްހުރި، އުޅުންހުރި ޖީލެއްގެ ގޮތުގައިކަމަށެވެ. އަދި މިއީ ހުރިހާ އެންމެންގެވެސް ޒިންމާއެއްކަމުގައި ރައީސް ވިދާޅުވިއެވެ.
ކުޑަކުދިންނަށްޓަކައި މި ސަރުކާރުން ރާއްވަވާފައިވާ ކަންކަމުގެ މައްޗައްވެސް ރައީސް ގެ ހިތާބުގައި އަލިއަޅުވާލަފައިވެއެވެ. އެގޮތުން ރައީސް ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި، ކުޑަކުދިންނަށްޓަކައި ކޮށްދެއްވުމަށް އެރަށްރަށުން އެދިލައްވާ ކަންކަން ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުތުބުޚާނާތައް ބިނާކުރަން ފަށައި، ކުޑަކުދީންގެ ސިކުނޑިތަކަށް ޢިލްމާއި މަޢުލޫމާތުން ކާނާ ލިބޭނެ މަގުތައް އިތުރުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ.
ރައީސް ގެ ހިތާބުގައި އިތުރަށް ވިދާޅުވީ ކުޑަކުދިންނަށްޓަކައި، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރީން ކުރައްވާ ކޮންމެ ކަމެއްގައި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވައި، އެކުގައި މަސައްކަތް ކުރައްވާނެކަމަށެވެ.
ކުޑަކުދިންގެ ދުވަހު ފޮނުއްވެވި މި ހިތާބުގައި ރައީސް ވަނި ފަލަޞްޠީނުގެ ބިމުގައި އަނިޔާ ލިބި، ބިކަ ހާލުގައި ޖެހެމުންދާ ކުޑަކުދިންގެ ހަދާންތައް އާކުރައްވައި، އެ ކުދީންގެ ތެރެއިން ޝަހީދުވާ ކޮންމެ ކުއްޖަކަށް ސުވަރުގޭގައި ކީރިތިﷲ ވަޢުދުވެވޮޑިގެންފައިވާ މަތިވެރި ނިޢުމަތް މިންވަރުކުރެއްވުމަށާއި، އަނިޔާލިބި ގެދޮރާއި ސަހަރޯވެރީން ގެއްލި ނިކަމެތިވަމުންދާ ކޮންމެ ކުޑަކުއްޖަކަށް ކީރިތި ﷲގެ ރަޙްމަތް އިތުރުކޮށްދެއްވުން އެދި ދުޢާ ދަންނަވާފައެވެ.




