ކޮޓަރިއަކުން ނުވަތަ ތަނަކުން ނުކުންނައިރު ބޮކި ދިއްލާފައި ބެހެއްޓުމަކީ ކަރަންޓު ސަލާމަތްވާނެ ކަމެއްތޯ ނުވަތަ ނިއްވާލުމަކީ އެންމެ ރަނގަޅު ގޮތްތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ޚާއްޞަކޮށް މިހާރު ބޭނުންކުރާ އެލް.އީ.ޑީ ބޮކިތަކަކީ މަދުން ކަރަންޓު ހިނގާ އެއްޗަކަށް ވާތީ، ބައެއް މީހުންނަށް ހީވަނީ އެ ދިއްލާފައި ބެހެއްޓުމަކުން މާ ބޮޑު ތަފާތެއް ނާންނާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ޑިޕާޓްމަންޓް އޮފް އެނާޖީން ހެދި ދިރާސާއަކުން މިކަމުގެ ޖަވާބު ވަނީ ވަރަށް ސާފުކޮށްދީފައެވެ.
އެ ދިރާސާގައި ބުނާގޮތުން، ކަރަންޓު އިސްރާފު ކުޑަކުރުމަށާއި ބިލު ކުޑަކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ތަނަކުން ނުކުންނައިރު ބޮކި ނިއްވާލުމެވެ. އެހެންނަމަވެސް، މިކަމުގައި އިސްތިސްނާ ހާލަތްތަކެއްވެސް ހުރެއެވެ. މިސާލަކަށް، ތަނަކުން ބޭރަށް ގޮސްފައި 15 މިނެޓަށްވުރެ އަވަހަށް އެނބުރި އަންނާނެ ނަމަ، އެންމެ ރަނގަޅު ގޮތަކީ ބޮކި ނިއްވާނުލައި ބެހެއްޓުމެވެ. ސަބަބަކީ ބޮކި ނިއްވާފައި އަލުން ދިއްލާއިރު ބޮޑު ކަރަންޓެއް ހޭދަވާތީއާއި، އަވަސް އަވަހަށް ބޮކި ނިއްވާ ދިއްލާ ހެދުމުން ބޮކީގެ އުމުރު ކުރުވާތީއެވެ.
ނަމަވެސް، ގިނަ ވަގުތު އެ ތަނަށް އެނބުރި ނާންނާނެ ނަމަ، ބޮކި ނިއްވާލުމަކީ ކަރަންޓު ސަލާމަތްވުމުގެ އިތުރުން ބޮކި ގިނަ ދުވަހު ހަލާކުނުވެ ހުރުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. މީގެ އިތުރުން ކަރަންޓު ބިލު ކުޑަކުރުމަށް ކުރެވިދާނެ އަނެއް ކަމަކީ ބޭނުންނުކުރާ ކަރަންޓު ސާމާނުތައް ސްވިޗުން ނިއްވާލުމުގެ އިތުރުން ޕްލަގްތައް ނައްޓާލުމެވެ. މިގޮތަށް ޕްލަގް ޖަހާފައި ހުރުމުން ”ވެމްޕަޔަރ އެނާޖީ“ ގެ ގޮތުގައި ކަރަންޓު ބޭކާރުވެއެވެ. މިއީ އެ އެއްޗެއް ބޭނުން ނުކުރި ކަމުގައިވިޔަސް، ކަރަންޓުގެ ތެރެއަށް ހަކަތަ ދަމާ ގޮތެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިގޮތަށް ޕްލަގް ނުނައްޓައި ހުންނަ ތަކެތިން އަހަރަކު ގާތްގަނޑަކަށް 100 އާއި 200 ޑޮލަރާ ދެމެދުގެ އަދަދެއް ބޭކާރުވެއެވެ.އާންމު ގޮތެއްގައި ގޭބިސީއެއްގެ ކަރަންޓު ބިލުގެ %10 ބޭކާރުވަނީ މިފަދަ ފަރުވާކުޑަ ކަންތައްތަކުގެ ސަބަބުންނެވެ. އެހެންކަމުން، ކަރަންޓު އިސްރާފު ކުޑަކުރުމަކީ އަމިއްލަ ޖީބަށް ލުއިވުމުގެ އިތުރުން، ތިމާވެއްޓާއި ގައުމުގެ ހަކަތަ ރައްކާތެރިކުރުމަށްޓަކައި ވެސް ކުރަންޖެހޭ މުހިންމު ކަމެކެވެ.



