ފާއިތުވީ 6 އަހަރު ތެރޭގައި، ރާއްޖޭގައި ކެންސަރުގެ އާ ކޭސްތައް އެންމެ މަދުން ރެކޯޑު ކޮށްފައިވަނީ ނިމިދިޔަ 2025 ވަނަ އަހަރުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ދުނިޔޭގެ ކެންސަރު ދުވަހާ ގުޅިގެން މިއަދު އެ އެޖެންސީން ވަނީ 2020 އިން ފެށިގެން 2025 ވަނަ އަހަރާ ހަމައަށް ކެންސަރު ބަލީގައި އަލަށް ރެކޯޑުކުރި ކޭސްތަކުގެ އަދަދު ހާމަކޮށްފައެވެ.
އެގޮތުން ރެކޯޑު ކޮށްފައިވަނީ:
° 2020 – 137 ކޭސް
° 2021 – 208 ކޭސް
° 2022 – 244 ކޭސް
° 2023 – 211 ކޭސް
° 2024 – 195 ކޭސް
° 2025 – 111 ކޭސް
އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ އަދަދަކަށް ކެންސަރުގެ ކޭސްތައް ރެކޯޑު ކޮށްފައިވަނީ 2022 ވަނަ އަހަރުގައެވެ. އެއީ 244 ކޭސް އެވެ.
މީގެއިތުރުން އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކެންސަރު ބަލިޖެހިގެން ރިޕޯޓުކޮށްފައިވާ އަންހެނުންގެ އަދަދު ފިރިހެނުންނަށްވުރެ ނިސްބަތުން ގިނައެވެ. އެގޮތުން 57 އިންސައްތަ އަންހެނުންނާއި 43 އިންސައްތަ ފިރިހެނުން ވަނީ ކެންސަރުގެ ބަލިތަކަށް ރެކޯޑުކޮށްފައެވެ.
ރާއްޖޭގައިވެސް ކެންސަރު ބަލިތައް އާންމުވަމުން އަންނައިރު، އެޗްޕީއޭއިން ދާދި ފަހުން އާންމު ކުރި މައުލޫމާތުތަކުން ހާމަވާ ގޮތުގައި ރާއްޖޭގައި އެންމެ އާންމީ އުރަމަތީގެ ކެންސަރާއި ތައިރޮއިޑް ކެންސަރުގެ އިތުރުން އަނގައިގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ކެންސަރު މިހާ އިތުރުއިރު އޭގެ ސަބަބުތަކުގެ ތެރޭގައި ސިއްހީ ނުރަނގަޅު އާދަތައް ވެސް ހިމެނެއެވެ. އެގޮތުން ދުންފަތުގެ އިސްތިއުމާލެކޭ އެއްގޮތަށް ދުފުމަކީ ވެސް ގިނަ ދިވެހީން ކެންސަރަށް ހުށަހެޅޭ ސަބަބެއް ކަމަށާއި އެފަދަ އާދަތަކުން ދުރުހެލިވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.




