ލީބިޔާގެ ކުރީގެ ލީޑަރު ލީޑަރު މުއައްމަރުލް ގައްޒާފީގެ ދަރިކަލުން ސައިފުލް އިސްލާމް ގައްޒާފީ އަވަހާރަކޮށްލާފައިވާ ކަމަށް، ލީބިޔާގެ މީޑިއާތަކާއި އާއިލާއާ ގާތް ފަރާތްތަކުން ބުނެފިއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި ސައިފުލް އިސްލާމްއަކީ ގައްޒާފީގެ ދަރިކަލުންތަކުގެ ތެރެއިން އެންމެ ނުފޫފުގަދަ ދަރިކަލުންނެވެ.
ލީބިޔާގެ އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނި ގޮތުގައި، ތަހުގީގު ކުރާ ފަރާތްތަކާއި ފޮރެންސިކް ޑޮކްޓަރުން ސައިފުލް އިސްލާމްގެ ހަށިގަނޑު ތަހުގީގު ކުރުމަށް ފަހު، އޭނާ އަވަހާރަވެފައިވަނީ ބަޑީގެ ހަމަލާތަކެއްގެ ސަބަބުންކަމަށް ވަނީ ކަށަވަރުކޮށްފައެވެ.
މިކަމުގައި ތުހުމަތުކުރެވޭ ފަރާތްތައް ހޯދުމަށާއި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް ލީބިޔާގެ އެޓާނީ ޖެނެރަލް އޮފީހުން ބުނެފައިވެއެވެ.
ގައްޒާފީގެ ވެރިކަމުގައި އިސްލާހީ ބަދަލުތަކެއް ގެންނަވާނެ ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ ސައިފުލް އިސްލާމަކީ، 2011 ވަނަ އަހަރު، އޭނާގެ ބައްޕާފުޅުގެ 40 އަހަރަށް ވުރެ ދިގު ވެރިކަން ނިމުމަކަށް ގެނައި އިންގިލާބުގެ ކުރިން، އެ ގައުމުގެ ސިޔާސަތުތައް ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ނަމަވެސް، ލީބިޔާގައި އުފެދުނު ދާހިލީ ހަމަނުޖެހުންތަކާ ގުޅިގެން ފަހުގެ އަހަރުތަކުގައި އޭނާގެ ސިޔާސީ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.
މީގެއިތުރުން ލީބިޔާގެ ކޯޓަކުން 2015 ވަނަ އަހަރު ވަނީ، އިންގިލާބުގެ ތެރޭގައި ހިންގި ސުލްހަވެރި މުޒާހަރާތައް ހުއްޓުވުމަށް މަސައްކަތް ކުރެއްވި ކަމުގެ ކުށުގައި، އޭނާގެ ގައިރު ހާޒިރުގައި މަރުގެ ހުކުމް ވެސް އިއްވާފައެވެ.



