ބައެއް ރަށްރަށުގެ ރަައްޔިތުންގެ އެދެމާއެކީ، ތާރާއި ގާ ނާޅާ މަގު ހެދޭނެ އައު ކޮންސެޕްޓެއް ފަރުމާކޮށްފައިވާކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ނަޒީމް ވިދާޅުވެއްޖެއެވެ.
ނަޒީމް މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އާރްޑީސީގެ އެމްޑީ ނަޒީމް ވިދާޅުވީ މަގުހެދުމުގެ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ރަށެއް ހިމެނޭހެން ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އެކި ރަށްރަށުގައި މަސައްކަތް ގެންދާނީ އެކި ކޮންސެޕްޓުތަކަށް ކަމަށެވެ.
ޒަމާނުއްސުރެ މަގު ހެދުމުގެ މަސައްކަތް ކުރިއަށްގެންދަނީ ގައު އަތުރައިގެން ނުވަތަ ތާރު އަޅައިގެން ކަމަށާއި ނަމަވެސް މިހާރު މަގު ހެދުމުގެ މަސައްކަތްތައް ޕްލޭންކުރުމަށް ކައުންސިލްތަކާއި ރައްޔިތުންނާ މަޝްވަރާކުރާއިރު، ރަށުގެ ގުދުރަތީ ވެށި ނުގެއްލޭގޮތަށް އެކަން ކުރުމަށް ހުށައަޅަމުންދާ ކަމަށް ވެސް ނަޒީމް ވިދާޅުވިއެވެ.
ގިނަ ރަށްރަށުގައި މަގު ހެދުމުގެ ބޭނުން ބޮޑަށް އިހްސާސްކުރެވެނީ ވިއްސާރަ ދުވަސްވަރު ފެން ބޮޑުވުމުންނެވެ. އެކަމާ ބެހޭގޮތުން ނަޒީމް ވިދާޅުވީ ޚާއްސަކޮށް ރަށު ފަތުވެރިކަން ކުރާ ރަށްރަށުން އެދެމުންދަނީ، ރަށުގެ ވެލި މަގު އެގޮތުގައި ބޭއްވުމަށްފަހު، އެކަށީގެންވާ ފެން ހިންދާ ނިޒާމެއް އަޅައިދިނުމަށްކަމަށެވެ.
”ޓޫރިޒަމް ވިޔަފާރި ކުރާ ތޮއްޑޫ، ރަސްދޫ، މާފުށި ފަދަ ރަށްރަށުން އެދެމުންދަނީ ވެލި މަގު ބާއްވާފައި، ރަނގަޅު ފެން ހިންދާ ނިޒާމަކަށް. ކޮންސެޕްޓް މިހާރު މިވަނީ މިނިސްޓްރީން ފާސްކޮށްފައި. ރަށުގައި ފެން ބޮޑު ނުވާނެހެން އެކަށީގެންވާ ފެން ހިންދާ ނިޒާމެއް އަޅާނީ، އޭރުން މިހާރުވެސް އޮންނަގޮތަށް ވެލި މަގު އޮންނާނީ“ އާރްޑީސީގެ އެމްޑީ ނަޒީމް ވިދާޅުވިއެވެ.




