ދުންފަތާ ދެކޮޅަށް ފިޔަވަޅުތައް ނާޅައި، އާއްމު ސިއްހަތު ރައްކާތެރިކުރަން މަސައްކަތްކުރުމަކީ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރޭގައި ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާޒިމް މިހެން ވިދާޅުވީ، ރައީސް އޮފީހުން އިސްނަންގަވައިގެން ކުރިއަށްގެންދާ ”ތަރުޖަމާނާއެކު“ ޕޮޑްކާސްޓުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ހެލްތު މިނިސްޓަރު ވިދާޅުވީ، ބަލިމަޑުކަމުގެ ވައްޓަފާޅި ހުރި ގޮތުން ގައިންގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރަން މަސައްކަތްކުރަންޖެހޭ ކަމަށާއި އެ ކަންކަމަށް ހުށަހެޅޭ އެންމެ ބޮޑު އެއް ހަތިޔާރަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށެވެ. އަދި އެ ނުރައްކަލުން އަރައިގަތުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ވޭޕް މަނާކުރުމާއި ދުންފަތުގެ އަގު ބޮޑުކުރުމާއި 2007 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާކުރުން އަދި އެ ބާވަތްތައް ވިއްކުމުގައި ހަރުކަށި ފިޔަވަޅުތައް ތަންފީޒުކުރުމަކީ، މިފަދައިން އެޅުނު މުހިއްމު ނިންމުންތަކެއް ކަމަށެވެ.
”މިކަންކަމަށް އެޑްރެސްނުކޮށް ހެލްތު ނިޒާމުގެ ކަންކަން ރަނގަޅުކުރަން އުޅޭ އުޅުން ވެގެންދާނީ ހަމަ ފޫނެއް ފަޔަށް ފެން ފުރުން ފަދަ ކަމަކަށް. ބައިވަރު ލޯވަޅު ހުރި ބާލީދީއަކަށް ފެން އަޅާ ފުރުން ފަދަ ކަމަކަށް“ ހެލްތު މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.



