ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ހޯދި ފަހުރުވެރި ކާމިޔާބީ، އެސްޓީއޯއިން ކުލަގަދަ ގޮތެއްގައި ފާހަގަކޮށްފިއެވެ.
ގައުމީ ފުޓްސަލް ޓީމަށް އެސްޓީއޯއިން މަރުހަބާ ކިޔައި، ޓީމުގެ ކާމިޔާބީ ފާހަގަކުރަން ހާއްސަ ހަރަކާތެއް ބޭއްވީ މިދިޔަ އާދިއްތަ ދުވަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަރަކާތެއްގައެވެ.
އެގޮތުން އެސްޓީއޯއިން ބޭއްވި އެ ހަރަކާތުގައި، ގައުމީ ޓީމުގެ ކުޅުންތެރިންގެ އަގުވަޒަންކޮށް ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ. ހަނދާނީ ފިލާ ޓީމާއި ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗީފް ފައިނޭންސް އޮފިސަރު މުހައްމަދު ނިޒާމްއެވެ.
މީގެއިތުރުން އެ ހަރަކާތުގައި ޓީމުގެ ކޯޗާއި ހުރިހާ އޮފިޝަލުންނާއި ކުޅުންތެރިންނަށް ހާއްސަ ވައުޗަރުތަކެއް ވަނީ ދީފައެވެ. މި ވައުޗަރުތައް ހަވާލު ކޮށްދެއްވީ އެސްޓީއޯ ކޯޕަރޭޓް މާކެޓިން ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު އަހުމަދު ޝިފާން އެވެ.
އެސްޓީއޯ އިން ބުނީ އެ ކުންފުންޏަކީ، ގައުމީ މިފަދަ ކާމިޔާބީތައް އަބަދުވެސް ފާހަގަކޮށް، އެކި ދާއިރާތަކުން ކުރިއަށް ދިއުމަށް، ޒުވާނުންނާއި ޓީމުތަކަށް ހިތްވަރު ދޭ ކުންފުންޏެއް ކަމަށެވެ.



