ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ އާއި އިންޓަރނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސަރު އިން ދާދިފަހުން ނެރުނު ދިރާސާއަކުން ދައްކާގޮތުގައި، ދުނިޔޭގައި ކެންސަރު ޖެހޭ މީހުންގެ ތެރެއިން ކޮންމެ ދިހަ މީހަކުން ހަތަރު މީހަކީ އެ ބަލިން ރައްކާތެރިވެވޭނެ ފުރުޞަތު އޮތް މީހުންނެވެ. މިއަދު ، ފެބްރުއަރީ 4 ވަނަ ދުވަހު ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައިގެން ނެރުނު މި ދިރާސާއަކީ 185 ޤައުމަކުން 36 ބާވަތެއްގެ ކެންސަރަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ވަރަށް ފުރިހަމަ ރިޕޯޓެކެވެ.
މި ދިރާސާގައި ބަލާފައިވާ 30 ސަބަބުގެ ތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމާއި، ބަނގުރާ ބުއިމާއި، ހަށިގަނޑުގެ ބަރުދަން އިތުރުވުމާއި، ކަސްރަތު ނުކުރުމާއި، ވައި ނުސާފުވުމުގެ އިތުރުން ކެންސަރަށް މަގުފަހިވާ ނުވަ ބާވަތެއްގެ އިންފެކްޝަން ހިމެނެއެވެ. 2022 ވަނަ އަހަރު އަލަށް ކެންސަރު ޖެހުނު މީހުންގެ ތެރެއިން 37 އިންސައްތަ ނުވަތަ 7.1 މިލިއަން މީހުންނަށް ބަލިޖެހިފައިވަނީ ރައްކާތެރިވެވޭނެ ސަބަބުތަކާ ހުރެއެވެ. މީގެ ތެރެއިން އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިޢުމާލުކުރުމެވެ. އެއީ މުޅި ދުނިޔޭގެ ނިސްބަތުން 15 އިންސައްތައެވެ. ދެން އެންމެ ގިނައީ އިންފެކްޝަންތަކުގެ ސަބަބުން ޖެހޭ ކެންސަރެވެ .
ދުނިޔޭގެ ނިސްބަތުން ބަލާއިރު ފިރިހެނުންނަށް ކެންސަރު ޖެހޭ މިންވަރު އަންހެނުންނަށްވުރެ އިތުރެވެ. ފިރިހެނުންގެ 45 އިންސައްތަ ކޭސްތަކަކީ ރައްކާތެރިވެވޭނެ ސަބަބުތަކާ ގުޅިފައިވާ ކަންކަމެވެ. މީގެ ތެރެއިން 23 އިންސައްތައަކީ ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ދިމާވާ ކަންކަމެވެ. އަންހެނުންގެ ތެރޭގައި މި ނިސްބަތް އުޅެނީ 30 އިންސައްތައިގައެވެ. އަންހެނުންނަށް ކެންސަރު ޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ އެކި ބާވަތްތަކުގެ އިންފެކްޝަންތަކެވެ.
ރައްކާތެރިވެވޭނެ ކެންސަރުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައީ ފުއްޕާމޭގެ ކެންސަރާއި، ބަނޑުގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރެވެ. ފުއްޕާމޭގެ ކެންސަރު ބޮޑަށް ގުޅިފައިވަނީ ދުންފަތާއި ވައި ނުސާފުވުމާއެވެ. ބަނޑުގެ ކެންސަރު ގުޅިފައިވަނީ ’ހެލިކޯބެކްޓަރ ޕައިލޯރީ‘ އިންފެކްޝަނާއެވެ. އަދި ރަހިމުގެ ދޮރަށް ޖެހޭ ކެންސަރުގެ މައިގަނޑު ސަބަބަކީ ’ހިއުމަން ޕެޕިލޯމާ ވައިރަސް‘ އެވެ.
ބައެއް ތަފާސްހިސާބުތައް ދައްކާގޮތުން 2017 ވަނަ އަހަރު ފެށިގެން މިއަދާ ހަމަޔަށް، ގާތްގަނޑަކަށް 1900 މީހުން ކެންސަރ ޕެންޝަންޓުންގެ ގޮތުގައި މިވޭތުވެދިޔަ ދުވަސްތަކުގައި ކެންސަރު ބަލީގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 2017 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް 1900 މީހުން ޓްރީޓްމަންޓު ހޯދާފައިވާއިރު އެއީ ގާތްގަނޑަކަށް އަހަރަކަށް 230 އަށްވުރެ ގިނަ މީހުންނެވެ.
އޭގެ މާނައަކީ ގާތްގަނޑަކަށް ކޮންމެ ދެދުވަހަކުން ނޫނީ ތިން ދުވަހަކުން މީހަކު އެބަ މީގައި ރަޖިސްޓަރ ވަމުން އެބަދޭ. މިއީ ވަރަށް އެލާމިންގް، ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް. އަދި ޚާއްސަކޮށް މި ޒިންމާއާ ހަވާލުވެހުރި މީހަކު މިކަމާ މެދު ވަރަށް ބޮޑަށް ވިސްނާ ގިނަގުނަ މަސައްކަތްތަކެއް ކަމާގުޅޭ ފަރާތްތަކާއެކު ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑު ދެކެން.
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމް
ރާއްޖޭގައި ކެންސަރަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު ރާއްޖޭގައި ކެންސަރު ބައްޔާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްވެސް ދަނީ އިތުރުކުރަމުންނެވެ. ހަމައެއާއެކު ބައްޔަށް ދެވޭ ފަރުވާގެ ފެންވަރުވެސް އަހަރުން އަހަރަށްދަނީ އިތުރުވަމުންނެވެ.
މި ނުރައްކާތެރި ބަލިން ރައްކާތެރިވުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތަކާ އެއްގޮތަށް، ދިވެހިރާއްޖޭގައި ވެސް މިހާރު ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އެޅެމުންނެވެ. ވަކިން ހާއްސަކޮށް، ކެންސަރު ޖެހުމަށް ދިމާވާ އެންމެ ބޮޑު ސަބަބު ކަމުގައިވާ ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކީ ފާހަގަކޮށްލަންޖެހޭ މުހިންމު ކަމެކެވެ.
އެގޮތުން، ޒުވާނުންނާއި ކުޑަކުދިން މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމަށްޓަކައި، ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ކެންސަރު ބަލިން ރައްކާތެރިވުމަށް އެޅުނު ވަރަށް ހިތްވަރުގަދަ އަދި އެހާމެ މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުތަކަށް ގެނެވުނު އިޞްލާޙުތަކަކީ ދިވެހި ރައްޔިތުންގެ ޞިއްޙީ ދުޅަހެޔޮކަން އިސްކޮށް، ކެންސަރު ފަދަ ގައިން ގަޔަށް ނާރާ ބަލިތައް މަދުކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ހާމަކޮށްދޭ ކަމެކެވެ.ސަރުކާރުގެ މި ނިންމެވުންތަކަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އިރުޝާދުތަކާ އެއްގޮތަށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅުނު ތާރީޚީ ފިޔަވަޅުތަކެކެވެ.ބަލިތަކަށް ދެވޭ ފަރުވާ ހަރުދަނާކުރުމަށް މަސައްކަތްކުރާއިރު އެންމެ އިސްކަމެއް ދޭންޖެހެނީ ބަލި ޖެހުމުގެ ކުރިން، ދުރާލާ ރައްކާތެރިވުމަށް މަސައްކަތް ކުރުމަށެވެ.
ރާއްޖޭގައި ދުރާލާ ކެންސަރު ރައްކާތެރިވުމުގެ މަގުތައް ފަހިވެފައިވާކަން ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ. މިގޮތުން އަންހެނުންނަށް ކުރިމަތިވާ ސަވައިކަލް ކެންސަރ ނުވަތަ ކުރިމަތީފަރާތުގެ ދޮރަށް ޖެހޭ ކެންސަރަކީ އެޗްޕީވީ އިންފެކްޝަންގެ ސަބަބުން ޖެހޭ ބައްޔަކަށްވާއިރު އެޗްޕީވީ ވެކްސިން ޤައުމީ ވެކްސިން ޕްރޮގްރާމްގައި ހިމަނާ، ޢުމުރުން 9 އަހަރާއި 14 އަހަރުގެ ކުދިންނަށް މިވެކްސިންދެވޭކަން ފާހަގަކުރެވެއެވެ.ދާދިފަހުން ރ. އުގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކީމޯތެރަޕީގެ ޚިދުމަތް ފެށުމަކީ ކެންސަރު ބައްޔާ ގުޅޭގޮތުން ކުރަމުން އަންނަ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެެރުމެއް ކަމަށެވެ. އަދި މިއީ ޒަމާންތަކެއްވަންދެން މާލެއިން އެކަނި މިފަދަ ޚިދުމަތްތައް ލިބުން ނިމުމަކަށް އައިސް އަތޮޅުތަކުގައިވެސް އެ ޚިދުމަތް ފުޅާކުރެވި، އެތައް ބަޔަކަށް އޭގެ ސަބަބުން މާލީ ގޮތުންނާއި ނަފްސާނީގޮތުންވެސް ލިބިގެންދިޔަ ލުއިތަކެކެވެ.
މިފަދަ ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، ކުރިމަގުގައި ރާއްޖޭގައި ކެންސަރު ބަލި ޖެހޭ މިންވަރު މިހާރަށްވުރެންދަށްވެ، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ކުރާ މަސައްކަތަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ.
މި ދިރާސާގެ ނަތީޖާތަކުން އެނގިގެންދަނީ، ކެންސަރު ބަލީގެ ބޮޑު ބަޔަކީ އަޅުގަނޑުމެންގެ އަމަލުތަކާއި ސިޔާސަތުތައް ބަދަލުކޮށްގެން ހުއްޓުވިދާނެ ކަންކަން ކަމެވެ. ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި، ކެންސަރުން ރައްކާތެރިވުމުގެ މަސައްކަތަކީ މުޅި މުޖުތަމައު ގުޅިގެން ކުރަންޖެހޭ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން އެތައް މިލިއަން އާއިލާއެއް ބަލީގެ ހިތްދަތިކަމުން ސަލާމަތްކުރެވި، ސިއްހީ ދާއިރާއަށް ކުރާ ބޮޑެތި ހޭދަތައް ކުޑަކުރެވޭނެއެވެ.



