ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ރ. ދުވާފަރާއި އެ އަތޮޅު އުނގޫފާރާ ދެމެދު ޚާއްސަ ފެރީއެއް ބާއްވަން ނިންމައިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ އެ ދެ ރަށަށް ޚާއްސަކޮށްގެން މާދަމާ ފެރީ ފަށަނީ، އެ އަތޮޅަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ދަތުރުފުޅެއްގައި އެކަމަށް އެ ރަށް ރަށުގެ އާއްމުން އެދުމުން ކަމަށެވެ.
އެ ހިދުމަތުގެ ސަބަބުން، ދުވާފަރާއި އުނގޫފާރު މީހުންނަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ މަގު ތަނަވަސްވެ، ވަގުތާއި ހަރަދު ސަލާމަތްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ އަތޮޅުގައި މިހާރު ވެސް އާރުޓީއެލް ފެރީގެ ހިދުމަތް ދެ އެވެ.
މި ދަތުރުތަކަކީ އޭގެ އިތުރުން ޚާއްސަ ދަތުރުތަކެއް ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ އާ އިންތިޒާމުގެ ދަށުން، ކޮންމެ ދުވަހަކު ވެސް އުނގޫފާރާއި ދުވާފަރާ ދެމެދު ތިން ދަތުރު ކުރާނެ ކަމަށެވެ. އެއީ ހެނދުނާއި މެންދުރު އަދި ހަވީރެވެ.
ސްޕީޑް ފެރީގައި އެ ދެ ރަށް ދޭތެރޭ 10 މިނެޓުން ދަތުރުކުރެވެ އެވެ.
”މީގެ ހަގީގީ މަންފާ މުޅި ރ. އަތޮޅުގެ އިގްތިސާދަށް ކުރާނެ. އަތޮޅުގެ މައި ދެ މަރުކަޒެއް މިފަދަ ގާތް ގުޅުމަކުން ގުޅާލުމަކީ މުޅި އަތޮޅުގެ ވިޔަފާރި އާއި ސިއްހީ ހިދުމަތް ހޯދުމާއި އަދި އެހެނިހެން ހިދުމަތްތައް ހޯދުމުގައި މުޅި އަތޮޅަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް،“ މިނިސްޓްރީން ބުނެފައިވެއެވެ.


