ކެންސަރު ބަލި ތަޙައްމަލުކުރާ ފަރާތްތަކުގެ އިޙްސާސްތައް ދެނެގަނެ، އެފަރާތްތަކަށް އޯގާތެރި އަޅާލުން ލިބޭނެ ފަދަ މާޙައުލެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ކެންސަރު ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި މެޑަމް ސާޖިދާ ވިދާޅުވީ، ކެންސަރު ބައްޔާ ކުރިމަތިލީ އެއްވެސް ދެ މީހެއްގެ ތަޖުރިބާއާއި އުފުލަންޖެހޭ ވޭން އެއްގޮތް ނުވާނެ ކަމަށެވެ. އެހެންކަމުން، މި ބަލީގެ ވޭން އުފުލާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކުން ދައްކުވައިދޭ ކެތްތެރިކަން އޯގާތެރިކަމާއެކު ބަލައިގަންނަންޖެހޭ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ މެސެޖުގައި، ކެންސަރު ބަލި ތަޙައްމަލުކުރަމުންދާ ފަރާތްތަކާއި، ބަލިން އަރައިގަނެފައިވާ މީހުންނާއި، ސިއްޙީ އެހީތެރިންގެ އިތުރުން މި ބަލީގެ އަސަރުކޮށްފައިވާ ކޮންމެ މީހަކާއެކު މުޖުތަމަޢު ސާބިތުކަމާއެކު އޮތްކަން ހާމަކޮށްދިނުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. އަދި ކެންސަރުގެ ބިރުވެރިކަމުގެ ސަބަބުން ދިރިއުޅުން ހުއްޓުމަކަށް އައުމުގެ ބަދަލުގައި، އެންމެންގެ އެހީތެރިކަމާއެކު އެފަދަ ފަރާތްތަކުގެ ދިރިއުޅުން އުޖާލާކޮށްދިނުމަށް އެކަމަނާ ގޮވާލެއްވިއެވެ.
ކޮންމެ އަހަރެއްގެ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހަކީ ދުނިޔޭގެ ކެންސަރު ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީ ބައްޔާމެދު އާންމުން ހޭލުންތެރިކުރުވުމާއި، ބަލިން ރައްކާތެރިވުމަށް ކުރެވޭނެ މަސައްކަތްތައް އިތުރުކުރުމެވެ.
ރާއްޖޭގައިވެސް ކެންސަރު ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ބަލި ދުރާލާ ދެނެގަނެވޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި، މާލެއާއި އަތޮޅުތަކުގައި ކެންސަރުގެ ފަރުވާ ފުޅާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މެޑަމް ސާޖިދާ ވަނީ މި ބައްޔާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރުމަށް ބާރުއަޅުއްވާފައެވެ.


