ކ. ގުރައިދޫގައި މުޅިން އައު ސްކޫލެއް ޢިމާރާތް ކުރުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އިތުރު 28 ސްކޫލަކަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ ބޮޑު މަޝްރޫޢެއް ސަރުކާރުން މިއަދު ފައްޓަވައިފިއެވެ.
ތަޢުލީމީ ވުޒާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުތަކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސަރުކާރުގެ ތިން ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.
މި މަޝްރޫޢުގެ ދަށުން ޖުމްލަ 29 ސްކޫލެއްގައި 115 ކްލާސްރޫމާއި، 19 މަލްޓިޕާރޕަސް ހޯލު ތަރައްޤީ ކުރެވޭނެއެވެ. މީގެ އިތުރުން ސްކޫލުތަކަށް ބޭނުންވާ އެކި ކަހަލަ ޢުމްރާނީ ވަޞީލަތްތަކުގެ ތެރޭގައި ހިމެނޭ 219 ފެސިލިޓީއެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ކޮންޓްރެކްޓަރުންނާ ވަނީ ހަވާލުކޮށްފައެވެ.
ކުންފުނިތަކާ ހަވާލުކުރި ސްކޫލުތައް:
އެފްޑީސީއާ ހަވާލުކުރި ސްކޫލުތައް:
ކޮނޑޭ ސްކޫލް، ފިއްލަދޫ ސްކޫލް، މުރައިދޫ ސްކޫލް، ރަސްމާދޫ ސްކޫލް، ކިނޮޅަހު ސްކޫލް، ގއ.މާމެންދޫ ސްކޫލް، ހއ.ތަކަންދޫ ޝަހީދު ޢަލީ ތަކުރުފާނު ސްކޫލް، ވަށަފަރު ސްކޫލް، މަޑުއްވަރީ ސްކޫލް، ވާދޫ ސްކޫލް، އަނގޮޅިތީމު ސްކޫލް، ރިނބުދޫ ސްކޫލް، ހުޅުދެލި ސްކޫލް، ދާންދޫ ސްކޫލް، ގެމަނަފުށީ ސްކޫލް، ނަޑެއްލާ ސްކޫލް، މަޑަވެލި ސްކޫލް، ގއ.ދެއްވަދޫ ސުލްޠާން މުޙައްމަދު ސްކޫލް އަދި ރަތަފަންދޫ ސްކޫލެވެ.
އާރްޑީސީއާ ހަވާލުކުރި ސްކޫލުތައް:
އުލިގަމު ސްކޫލް، އިހަވަންދޫ ސްކޫލް، ހުޅުދުއްފާރު ސްކޫލް، ރ.އަތޮޅު ތަޢުލީމީ މަރުކަޒު، ގާފަރު ސްކޫލް އަދި ގުރައިދޫ ސްކޫލެވެ.
އެމްޓީސީސީއާ ހަވާލުކުރި ސްކޫލުތައް:
އުލިގަމު ސްކޫލް، އިހަވަންދޫ ސްކޫލް، ހުޅުދުއްފާރު ސްކޫލް، ރ.އަތޮޅު ތަޢުލީމީ މަރުކަޒު، ގާފަރު ސްކޫލް، ގުރައިދޫ ސްކޫލް، އިންނަމާދޫ ސްކޫލް، ފިޔޯރީ ސްކޫލް، ށ.ފޭދޫ ސްކޫލް އަދި ދަރަނބޫދޫ ސްކޫލެވެ.
ތަޢުލީމީ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، ސްކޫލްތަކުގެ ޢުމްރާނީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި އެކަނިވެސް 90 މިލިއަން ރުފިޔާގެ މަރާމާތުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ވަރުގަދަކޮށް، ދަރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ހަމަކޮށްދިނުމާއި، ޓީޗަރުންގެ ފެންވަރު މަތިކޮށް ކިޔަވައިދިނުމަށް އެކަށީގެންވާ މާޙައުލެއް ބިނާކުރުން ކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަޢުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެންދާ މުހިންމު ފިޔަވަޅެކެވެ.



