މާލެހިޔާ ފްލެޓަކުން އުމުރުން ދުވަސްވީ މީހަކު ވެއްޓުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
އެ މީހާ ވެއްޓިފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންމެވެ. ވީޑިއޯއިން ފެންނަނީ އެމީހާ ސްޓްރެޗަރަށް ލައިގެން އެމްބިއުލޭންސަށް އަރުވާ މަންޒަރެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެހިޔާ 1 އިން މީހަކު ވެއްޓިފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:50 ހާއިރު ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވަނީ މާލެހިޔާ 1 ގެ 5ވަނަ ފަންގިފިލާއިންނެވެ.
އެމީހާ މިހާރު ވަނީ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުން ކަމުގައިވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



