ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގެއްލުނު ސަރަހައްދު ހޯދަން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މިއަހުގެ ރައްޔިތުންގެ މަޖިލިސް ފައްޓަވައި ދެއްވުމަށް ބޭއްވި ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ، އިޓްލޮސްއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމައިފައިވާ ކަމަށާއި އެއީ ކުރީ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށެވެ.
”އެ ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް ވާނީ އަންގާފަ. އެ ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22ގައި އަޅުގަނޑަށް ވަނީ ހުށަހަޅައިފަ. އަދި ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ވެސް ފައްޓަވާފަ.“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އޮތް ކަމަށާއި، އެއީ އޭރުވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށެވެ. އަދި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.



