ކުރިއަށް އޮތް ތިން އަހަރު ތެރޭގައި، މި ސަރުކާރުން މަދުވެގެން 10 ރިސޯޓު ތަރައްގީކޮށް، ދިވެހި ކޮންމެ ރައްޔިތަކު ހިއްސާދާރަކަށް ހަދައި އަދި ބޭރު ފައިސާ އެކައުންޓަށް ޖަމާ ކުރަން ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފައްޓަވައިދެއްވުމަށް މިހާރު ކުރިއަށްދާ ޚާއްސަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައިދެއްވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓުން ނިންމަވާފައިވަނީ ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް، މަދުވެގެން 10 ރިސޯޓު ހަދައި، ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް އަހަރަކު އެއްފަހަރު ބޭރު ފައިސާ ޖަމާ ކޮށްދިނުމަށް ކަމަށެވެ.
”މި ހުރިހާ ރިސޯޓެއްގެ ހިއްސާދާރަަކަށް ކޮންމެ ރައްޔިތެއް ހަމަހަމަކަމާއެކު ހަދާނަން. މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާ ރިސޯޓުތަކުން ލިބޭ ފައިސާ ދިވެހި އައިޑީ ކާޑު އޮތް ކޮންމެ ދިވެއްސަކަށް ލިބޭނެ. ކޮންމެ ރައްޔިތެއްގެ އެކައުންޓަށް އަހަރު 400 ރުފިޔާ ލިބި، ފަސް މެންބަރުންގެ އާއިލާއަކަށް އަހަރަކު އިރާދަކުރެއްވިއްޔާ 2000 ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކުރެވޭ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އަންދާޒާ ކުރެވެނީ މި އިންވެސްޓްމެންޓުން ލިބޭ ފައިދާ 2030 އިން ފެށިގެން ޖަމާ ކުރެވޭނެ ކަމަށެވެ.




