ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް ހުރި ނަމަވެސް ގޯއްޗަކަށް ކުރިމަތިލެވޭނެ ގޮތަަށް ވަރަށް އަވަހަށް ހުޅުވާލާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
ރައީސް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވައި ދެއްވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަށް މި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެކި ފަންތީގައި ބޯހިޔާވަހިކަން ލިބޭ ގޮތަށް، އަގުހެޔޮކޮށް ފުލެޓު ގަނެވޭނެ ގޮތާއި ސޯޝަލް ހައުސިން މަޝްރޫއުން ފުލެޓް ލިބޭނެ ގޮތް ހަމަޖައްސާކަން ރައީސް ފާހަގަކުރެއްވިއެވެ.
”ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް ހުރި ނަމަވެސް ގޯއްޗަކަށް ކުރިމަތިލެވޭނެ ގޮތަަށް ވަރަށް އަވަހަށް ހުޅުވާލާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންނަށް، އެ އެންމެން ގޯތި ދޫކުރަން އެއްބަސްވެއްޖެނަމަ، އޭގެ ތެރެއިން ކޮންމެ މީހަކަށް ވަކި ގޯތި ލިބޭ ގޮތަށް ކެޓަގަރީއެއް ހަދާނެ ކަމަށެވެ.



