ކެންސަރު ބައްޔަށް ޚާއްސަ ސެންޓަރުގެ އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފައްޓަވައިދެއްވަމުން މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވާދެއްވަމުން ރައީސް ވިދާޅުވީ މި ސެންޓަރާއެކު ކެންސަރު ބަލި ދެނެގަނެ ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.
ސިއްޙީ ދާއިރާއިން ސަރުކާރުން މިއަހަރު ކުރުމަށް ހަމަޖެހިފައިވާ ކަންކަން އިއުލާންކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މިއަހަރުގެ މެދުތެރޭގައި ކެންސަރު ބައްޔަށް ޚާއްސަ ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. އަދި މިސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މިވަގުތު ކެންސަރުގައި ރާއްޖޭގައި ނުދެވޭ ހަމައެކަނި ފަރުވާ ކަމުގައިވާ ރޭޑިއޭޝަނަށް ޚާއްސަ ޗެމްބަރަކާ އެކުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ކެންސަރު ބައްޔަށް ފަރުވާދިނުމަށް ބޭނުންވާ ރޭޑިއޭޝަން ޗެމްބަރެއް ޤާއިމުކުރުން ހިމެނޭހެން ޑައިގްނޯސްޓިކް ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފެށިގެންދާނެ.“ ރައީސް ވިދާޅުވިއެވެ.



