ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދައި، ސްކޭމްކުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އެ ބިދޭސީ މީހާވަނީ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކޮށްގެން ނަގާފައި ކަމަށް މައުލޫމާތު ލިބެއެެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައިވަނީ، ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ހަސަން ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
އެ މީހާ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މާކެޓް ޕްލޭސްގައި ބަންކު ބެޑެއް ވިއްކާނެ ކަމަށްބުނެ މީހަކާ ވާހަކަދައްކައި މަކަރާއި ހީލަތުން އެ މީހާ އަތުން ފައިސާ ހޯދައި، އެހެން މީހެއްގެ އެކައުންޓަށް އެ ފައިސާ ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާއަކީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ އެ ފައިސާ ނަގާފައިވަނީ ވޯކްޕާމިޓް އޮންނަ މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.



