ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅަން، 24 ގަޑިއިރު ޚިދުމަތް ދޭ ބިއުރޯއެއް ރައީސް އޮފީހުގައި ގާއިމުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މިއަހަރުގެ ޖަލްސާތައް ފެށުމަށް މިއަދު ބޭއްވި ޚާއްސަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވައި ދެއްވަމުންނެވެ.
އެގޮތުން އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަކީ ވީހާވެސް ރައްޔިތުންގެ އަޑުއަހައިގެން ކުރިއަށްގެންދާ ސަރުކާރެއްގެ ގޮތުގައި ހެދުމަށް އަޅާ ވަރަށް މުހިންމު ފިޔަވަޅެއްގެ ގޮތުން، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާ ހުށަހަޅާ ސިޓިޒެންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ނަމުގައި އޮފީހެއް ހުޅުވާނެ ކަމަށެވެ. އަދި އެ އޮފީސް ހުންނާނީ، 24 ގަޑިއިރު ޚިދުމަތް ލިބޭ ގޮތަށް ރައީސް އޮފީހުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެ ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ސޯޝަލް މީޑިއާއާއި ސިޓީގެ ޒަރިއްޔާއިންނާއި އެކި ވަސީލަތްތަކުން ލިބޭ ޝަކުވާތައް ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ބަލަހައްޓައި، އިންތިޒާމު ހަމަޖައްސައި އެ ޝަކުވާތަކާ ބެހޭ ގޮތުން މައުލޫމާތު ހޯދައި ޖަވާބު ދިނުން ކަމަށެވެ.
”މި މަރުކަޒުގައި ކޮމްޕްލެއިންޓްސް މެނޭޖުކުރާނެ އާޓިފިޝަލް އިންޓެލިޖެންސް އެކުލެވޭ ގޮތަށް ފަރުމާކޮށްފައިވާ ސްޓޭޓް އޮފް ދި އާޓް އޮޓޮމޭޓެޑް އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމެއް ގާއިމުކުރެވިގެންދާނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ އެ ނިޒާމުން، އެކިއެކި ޕްލެޓްފޯމެއް މެދުވެރިކޮށް ސަރުކާރަށް ހުށަހަޅާ ހުރިހާ ޝަކުވާއެއް ރެކޯޑުކޮށް، ޖަވާބު ދީ ނިމެންދެން ޓްރެކް ކުރަމުންދާނެ ކަމަށެވެ.




