ދިވެހި ވަތަނީ ހިދުމަތް ނުވަތަ ރާއްޖޭގެ ނެޝަނަލް ސާވިސްގެ ފުރަތަމަ ބުރު ފުރިހަމަ ކުރި ބައިވެރިންގެ ތެރެއިން އެ ހިދުމަތުގެ ފަންނީ ތަމްރީނުތަކުން ޖާގަ ނުލިބުނު 240 ކުއްޖަކަށް، އެކުދިން ބޭނުންވި ދާއިރާތަކުން އެހެން ވަޒީފާތައް ހަމަޖައްސާދީފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ސްކޫލް ދައުރުގައި ރަނގަޅު ނަތީޖާ ނުނެރެވޭ ޒުވާނުންނަށް ފުރުސަތެއް ދިނުމުގެ އިތުރުން ސަލާމަތީ ބާރުތައް ކުރިއެރުމަށް ކޮންމެ އަހަރަކު ސިފައިންގެ 1،000 މީހުން ރެކްރޫޓް ކުރުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ ”ދިވެހި ވަތަނީ ހިދުމަތުގެ“ ޕްރޮގްރާމަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ މެއި މަސް ތެެރޭގައެވެ.
އެގޮތުން ވަތަނީ ހިދުމަތުގެ އިނީޝަލް ތަމްރީނުގައި 350 ދަރިވަރުން ބައިވެރިވި އިރު ޕްރޮގްރާމު ފުރިހަމަކޮށް 344 ދަރިވަރުން މިދިޔަ ޑިސެމްބަރުގައި ދަސްވެނިވެފައިވެ އެވެ. އެ ބައިވެރިންގެ ތެރެއިން ފަންނީ ތަމްރީނުތަކަށް ހޮވިފައިވަނީ 65 ކުއްޖެކެވެ. އޭގެތެރޭގައި ހިމެނެނީ، އުމުރުން 16 އަހަރާއި 19 އަހަރާ ދެމެދުގެ ޒުވާނުންނެވެ.
ރައީސް މުޢިއްޒު މިއަދު ވިދާޅުވީ އެ ހިދުމަތުގެ ފަންނީ ތަމްރީނުތައް، ބ. ކިހާދޫ ޓެކްނިކަލް އެންޑް ވޮކޭޝަނަލް ސެންޓަރުގައި މިދިޔަ މަހުގެ 15ގައި އެކަމަށް ހޮވުނު 65 ކުއްޖަކު ފަށާފައިވާ ކަމަށެވެ.
ދަސްވެނިވި ކުދިންގެ ތެރެއިން އެ ތަމްރީންތަކަށް ނުހޮވޭ 278 ކުދިން ހިމެނެ އެވެ. ރައީސް ވިދާޅުވީ އޭގެ ތެެރެއިން 240 ކުއްޖަކަށް، އެ ކުދިން ވަޒީފާ އަދާކުރަން ޝައުގުވެރިކަން ފާޅުކުރި ތަންތަނުން ވަޒީފާތައް ހަމަޖައްސަދީފައިވާ ކަމަށެވެ. ބާކީ 38 ކުއްޖަކު ބޭނުންވީ، ޕްރައިވެޓް ސެކްޓާގައި ވަޒީފާ އަދާކުރަން ކަމަށްވާތީ، އެ ފުރުސަތުދިނުމަށް ދޫކޮށްލާފައިވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެފަދައިން ވަޒީފާ ހަމަޖައްސައި ދީފައިވަނީ:
° 171 ކުދިން އެމްއެންޑީއެފްގެ ވަޒީފާއަށް
° 7 ކުދިން އެމްޑީއެފްގެ ފަޔާމަނުންގެ ވަޒީފާއަށް
° 32 ކުދިން އޭވިއޭޝަން އެންޑް ޕޯޓްސް ސެކިއުރިޓީ ކޮމާންޑުގެ ވަޒީފާއަށް
° 23 ކުދިން ފުލުހުންގެ ވަޒީފާއަށް
° 5 ކުދިން އިމިގްރޭޝަންގެ ވަޒީފާއަށް
° 3 ކުދިން އެމްއޭސީއެލްގެ ވަޒީފާއަށް




