މިހާރު ހިނގަމުން އަންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިސްނުމަކީ ދައުލަތުން ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތްތައް ދިނުމުގައި ގާނޫނީ އެއްވެސް ހުރަހެއް އޮތް ނަމަ އެކަމަށް ހައްލެއް ހޯދައިދިނުން ކަމަށާއި މަޖިލީހުން އަބަދުވެސް އިސްކުރާނީ ރައްޔިތުންގެ ކުރިއެރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވައި ނިމުމާއެކު ވާހަކަ ދައްކަވަމުން މަޖިލިސް ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ދެމި އޮންނާނީ ދިވެހިރައްޔިތުންނާއި ސަރުކާރާއި އެކުގައި ކަމުގެ ޔަގީންކަން ރައީސް މުއިއްޒަށް އަރުވާ ކަމަށެވެ. ރައްޔިިތުންގެ މަޖިލީހުގެ މެމްބަރުން ކޮށްދެއްވަނީ އިހުލާސްތެރި މަސައްކަތެއް ކަމަށް ވިދާޅުވެ، މެންބަރުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.
”ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ބޭނުމަކީ ދިވެހީންގެ ކުރިއެރުމާއި ދިވެހިންގެ ތަރައްގީ އާއި ދިވެހިންގެ ހަމަޖެހުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ވަރުބަލިވުމެއް ނެތި ކުރަމުން ގެންދިއުން. ވިހި ވަނަ ރައްޔިތުންގެ މަޖިލީހުން އަބަދުވެސް އިސްކުރާނީ ދިވެހި ގައުމާއި ދިވެހީން، ދިވެހީންގެ ކުރިއެރުން، ދިވެހީންގެ ތަރައްގީ، ދިވެހީންގެ ހަމަޖެހުން ދިވެހީންގެ ރައްކާތެރިކަން،“ މަޖިލިހުގެ ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް އަހަރަކީ ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ބިނާކުރަނިވި އަދި އުފެއްދުންތެރި ގިނަ މަސައްކަތްތަކެއް މަޖިލީހުން ކުރާނެ އަހަރެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ. އެ މަސައްކަތުގައި މަޖިލީހުގެ ހުރިހާ މެންބަރުންގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން އެެބަ އޮތް ކަމަށް ވެސް ވިދާޅުވިއެވެެ.



