ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނޫސްވެރިންނާ ބައްދަލުކޮށް، ސުވާލުތަކަށް ޖަވާބު ދެއްވަން ނިންމަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފައްޓަވައި ދެއްވައި ރިޔާސީ ބަޔާން އިއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، މީޑިއާތަކާއެކު ބާއްވަމުން އަންނަ ގާތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް މީޑިއާއާ ސީދާ އެމަނިކުފާނު ބާއްވަވާ ބައްދަލުވުންތައް އިތުރުކުރައްވާނެ ކަމަށެވެ.
އެގޮތުން، އަންނަ މަހުން ފެށިގެން ކޮންމެ ހޯމަ ދުވަހެއްގެ ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ދަތުރެއް ނުވަތަ ހާއްސަ ބައްލަވުމެއް ކުރިމަތިނުވާހާ ހިނދަކު އެކަން އެގޮތަށް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މި އަހަރުގެ މާޗް މަހުން ފެށިގެން، އާއްމު އުސޫލެއްގެ މަތިން، އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހު ހެނދުނު 10:00 އިން 11:00 އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލު ކުރާނަން. ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން، ނުވަތަ އެ ނޫންވެސް މި ޝެޑިޔުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމި ހުންނާނެ ވާހަކަ ދަންނަވަން“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ ކެބިނެޓްގެ ކޮންމެ މިނިސްޓަރަކު ވެސް ހަފުތާއަކު އެއް ފަހަރު އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.




