ޖެފްރީ އެޕްސްޓީންގެ ޖިންސީ ޝިކާރައަކަށްވި މީހުންގެ އައިޑެންޓިޓީ ހާމަވާ ފަދަ އެތައް ހާސް ފޮޓޯއަކާއި ވީޑިއޯއެއް، އެކަށީގެންވާ ވަރަށް ސިއްރު ނުކޮށް އިންޓަނެޓަށް ދޫކޮށްލުމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފިއެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީ.އޯ.ޖޭ) އިން އާންމުކުރި މި ލިޔެކިޔުންތަކުގައި، އެޕްސްޓީންގެ އަނިޔާ ލިބުނު ގިނަ ބައެއްގެ މޫނު ފެންނަ ފޮޓޯތަކާއި، ވީޑިއޯ އަދި ޒާތީ ގާނޫނީ ރެކޯޑުތަކުގެ އިތުރުން މެޑިކަލް ރިޕޯޓުތައް ވެސް ހިމެނެއެވެ. މި މައްސަލަ ފުރަތަމަ ފާހަގަވީ މިދިޔަ ބަންދު ދުވަސްތަކުގެ ތެރޭގައެވެ. އެގޮތުން އެކަށީގެންވާ ވަރަށް ނިވާކުރުމެއް ނެތި 40 އަށްވުރެ ގިނަ ފޮޓޯ އާންމުވެފައިވާ ކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެން، ނިއުޔޯކްގެ ފަނޑިޔާރަކު ވަނީ އެ މައްސަލަ ވަގުތުން ހައްލުކުރުމަށް ޑީ.އޯ.ޖޭ އަށް އަމުރުކޮށްފައެވެ.
މި އަމުރާ ގުޅިގެން ޑީ.އޯ.ޖޭ އިން ވަނީ ”ޓެކްނިކަލް ނުވަތަ އިންސާނީ އޮޅުމަކުން“ މިކަން ދިމާވި ކަމަށް ބުނެ، އެ އިދާރާގެ ވެބްސައިޓުން އެތައް ހާސް ލިޔެކިޔުންތަކެއް ނަގާފައެވެ. ނަމަވެސް، މި ފިޔަވަޅުތަކާއެކުވެސް އަދިވެސް ބައެއް ފޮޓޯތަކާއި ވީޑިއޯތައް އިންޓަނެޓުން ފެންނަން ހުރި ކަމަށް މިނިވަން މުއައްސަސާތަކުން ކުރި ތަހުގީގުތަކުން ދައްކައެވެ.
އާންމުވެފައިވާ ލިޔެކިޔުންތަކުގެ ތެރޭގައި ކުޑަކުދިންނާއި ޒުވާން އަންހެން ކުދިންގެ ބަރަހަނާ ފޮޓޯތަކާއި، މެޑިކަލް މައުލޫމާތާއި، ބަނޑުގައި އޮތް ދަރިފުޅުގެ އަލްޓްރާސައުންޑް ސްކޭންތަކުގެ އިތުރުން ޒާތީ ގާނޫނީ މައުލޫމާތުތައް ހިމެނެއެވެ. ބައެއް ފައިލްތަކުގައި އެއް ފޮޓޯއެއްގެ ދެ ކޮޕީ އިންއިރު، އޭގެ ތެރެއިން އެއް ފޮޓޯގައި މޫނު ނިވާކޮށްފައި އޮތް ނަމަވެސް އަނެއް ފޮޓޯ އޮތީ އެއްވެސް ނިވާކުރުމެއް ނެތި ސާފުކޮށް ފެންނާށެވެ.
މިކަމާ ގުޅިގެން ކަނޑައެޅިގެން ގެއްލުން ލިބުނު މީހުންގެ ވަކީލުންނާއި، އަނިޔާ ލިބުނު މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ޑީ.އޯ.ޖޭ އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަނިޔާ ލިބުނު މީހުންގެ ވަކީލެއް ކަމަށްވާ ބްރެޑް އެޑްވާޑްސް ވިދާޅުވި ގޮތުގައި، މިއީ ”އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމެއް“ ދިނުމެވެ. އަދި މީގެ ކުރިން ދުވަހަކުވެސް އާންމުވެފައި ނުވާ ސިއްރު މައުލޫމާތުތައް ބޭރުވުމުން އެތައް ބަޔަކު ގުޅައި ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެޕްސްޓީންގެ ޝިކާރައަކަށްވި އޭޝްލީ ރަބްރައިޓް ބުނި ގޮތުގައި، މި މައުލޫމާތުތައް އާންމުވުމަކީ އެމީހުންގެ ހަޔާތުގައި ކުރިމަތިވި އެންމެ ހިތްދަތި ވަގުތުތައް އަލުން ހާމަވުން ފަދަ ކަމެކެވެ. މީގެ އިތުރުން، މީގެ ކުރިން ދުވަހަކުވެސް ފެންމަތިނުވާ އެތައް ސަތޭކަ އަންހެނުންގެ ނަންތައް މި ލިޔެކިޔުންތަކާއެކު މިހާރު ވަނީ އާންމުވެފައެވެ.
މި ލިޔެކިޔުންތައް އާންމުކުރުމުގެ ކުރިން، ޑެޕިއުޓީ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ވިދާޅުވެފައިވަނީ، މީހުންގެ އައިޑެންޓިޓީ ރައްކާތެރިކުރުމަށްޓަކައި ބަލަންޖެހޭ ކަންކަން ބެލުމަށް އިތުރު ވަގުތު ބޭނުންވާތީ ލިޔެކިޔުންތައް އާންމުކުރުން ލަސްކުރާނެ ކަމަށެވެ. ނަމަވެސް މިހާރު މި ހިނގި ކަމަކީ ދުވަހަކުވެސް ހިނގައިގެން ނުވާނެ ފަދަ ބޮޑު އިހުމާލެއް ކަމަށް ގާނޫނީ މާހިރުން ދަނީ ބުނަމުންނެވެ.



