ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިއަދު ހަމަޖައްސާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާނުކުރައްވައިފިއެވެ.
ރައީސް މުޢިއްޒު މިއަދު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުޅުންތެރީންނަށް ޚާއްސަ ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭން މިއަދު ފަށާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖޭގެ ޤައުމީ 18 ކުޅިވަރު އެސޯސިއޭޝަނެއްގެ 385 ކުޅުންތެރީންނާއި އޮފިޝަލުންނަށް މި ހެލްތު އިންޝުއަރެންސް ލިބުމުގެ އިންތިޒާމު މިހާރު ހަމަޖެހިފައިވާ ކަމަށާއި މިއީ ދިވެހި ކުޅިވަރުގެ އާއިލާއިން މިކަމަށް އެދެމުންދާތާ އެތައް އަހަރެއް ވެފައިވާ ކަމެއް ކަމުގައި ރައީސް މުޢިއްޒު ވިދާޅުވިއެވެ.
”ކުޅުންތެރީންނަށް ޚާއްޞަ މި ހެލްތު އިންޝުއަރެންސްގެ ތެރެއިން، ރާއްޖޭގައި ބާއްވާ މުބާރާތްތަކުގެ އިތުރުން، ރާއްޖެއިން ބޭރުގައި ވާދަކުރާ ބައިނަލްއަޤްވާމީ މުބާރާތްތަކާއި ތަމްރީނުތަކުގައި ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމުގައިވެސް ބޮޑެތި ލުއިތަކެއް ހޯދައިދީ، ދިވެހި އެތުލީޓުންގެ ޞިއްޙީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ“ ރައީސް މުޢިއްޒު ވިދާޅުވިއެވެ.




