ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވާން ބޭނުންފުޅުވާ ހިއްސާދާރުންނަށް،ކުރިޔާލާ ރަޖިސްޓްރީވުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ބުނީ، އަހަރީ އާންމު ޖަލްސާގައި އޮންލައިންކޮށް ބައިވެރިވުމަށް ބޭނުންވާ ހިއްސާދާރުންނަށް ކުރިޔާލާ ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށާއި، މިމަހުގެ 26 ވަނަ ދުވަހުގެ 20:30ގެ ނިޔަލަށް ޕްރީ-ރަޖިސްޓްރީ ކުރެވޭނެކަމަށެވެ. އެގޮތުން ޖަލްސާއަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ހިއްސާދާރުން އެމްއެސްޑީގެ އޮންލައިން ސިސްޓަމް އިންފިނިޓީ މެދުވެރިކޮށް ނުވަތަ ފޯމް ފުރުމަށްފަހު ބޭންކްގެ އީމެއިލްއަށް މެއިލްކުރުމަށް ބީއެމްއެލްއިން އެދިފައި ވެއެވެ.
ބީއެމްއެލް އިން ވަނީ، މިއަހަރުގެ އާންމު ޖަލްސާ މިމަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 20:30ގައި ހޮޓެލް ޖެންގެ ޖަލްސާކުރާ މާލަމުގައި ބާއްވާނެކަން އިއްޔެ އިއުލާނުކޮށްފަ އެވެ. އަދި، ޖަލްސާ ކުރިއަށްގެންދާނީ ހިއްސާދާރުންނާއި، ޕްރޮކްސީހޯލްޑަރުން ޖަލްސާއަށް ހާޒިރުވެގެންނާއި، މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީ (އެމްއެސްޑީ)ގެ މީޓިން މެނޭޖްމެންޓް ސިސްޓަމް ’ފަހިވޯޓް‘ މެދުވެރިކޮށް އޮންލައިންކޮށް ކަމަށްް ބީއެމްއެލްއިން ބުނެފައި ވެއެވެ.
މިމަހުގެ 20ގެ ނިޔަލަށް ބޭންކުގެ ހިއްސާދާރުންގެ ދަފުތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ހިއްސާދާރުންނަށް ޖަލްސާގައި ބައިވެރިވެވޭއިރު، ޖަލްސާއަށް ހާޒިރުވެގެން ބައިވެރިވާން ބޭނުންވާ ހިއްސާާރުން، ޖަލްސާ އޮންނަ ރޭ 19:00އިން 20:15އަށް އައިޑީކާޑު ހިފައިގެން ދިޔުމުން، ވަގުތުން ރަޖިސްޓްރީކޮށްގެން، ޖަލްސާ ކުރާ މާލަމަށް ވަދެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ. އަދި، ހިއްސާދާރެއްގެ ބަދަލުގައި އެހެން މީހަކު ފޮނުވާނަމަ، ޖަލްސާ ފެށުމުގެ 48 ގަޑިއިރު ކުރިން މެއިލްއަކުން އެންގުމަށް ބީއެމްއެލްއިން އެދިފައި ވެއެވެ.
2023 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސް އިން މިހާތަނަށް އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދި އަހަރެވެ. އެ ބޭންކަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 2.07 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. އެހެންކަމުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ ހިއްސާއަކަށް 50 ރުފިޔާގެ މަގުން ބެހުމަށް އަހަރީ އާންމު ޖަލްސާގައި ހުށަހަޅައި ފާސްކުރުމަށް ނިންމާފަ އެވެ. މިގޮތަށް ފާސްވެއްޖެނަމަ، މިއީ ބީއެމްލްގެ ތާރީޚުގައި މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ މަތީ އަދަދެވެ.




