މާލެހިޔާ ފްލެޓެއްގެ 5 ވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ވެއްޓުނު އުމުރުން ދުވަސްވީ މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗްއިން މިއަދު ބުނެފިއެވެ.
މި ހާދިސާގައި ވެއްޓިފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ވެއްޓިފައިވަނީ މާލެހިޔާ 1 ގެ 5ވަނަ ފަންގިފިލާއިންނެވެ. އޭނާ ވެއްޓިގެން ފުލުހުންނަށް ރިޕޯޓުކުރީ، އިއްޔެ ހެނދުނު 06:50 ހާއިރެވެ.
އައިޖީއެމްއެޗުން މައުލޫމާތު ދީފައިވާ ގޮތުގައި އެ މީހާއަށް ފަރުވާ ދެނީ އައިސީޔޫގެ ވެންޓިލޭޓަރުގައި ކަމަށެވެ. މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް އެ ހޮސްޕިޓަލުން ދީފައެއް ނުވެއެވެ.
އެ މީހާ ވެއްޓިފައިވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންމެވެ. ވީޑިއޯއިން ފެންނަނީ އެމީހާ ސްޓްރެޗަރަށް ލައިގެން އެމްބިއުލޭންސަށް އަރުވާ މަންޒަރެވެ.



