އަތޮޅުތަކުގެ 9 ސަރަޙައްދެއްގައި މިއަހަރު ޔޫތު ހަބު ޤާއިމުކުރުމަށް ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވި ރިޔާސީ ބަޔާނުގައި ރައީސް މުޢިއްޒު ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ހުނަރުވެރި ހަރަކާތްތައް ހިންގުމަށާއި އިންތިޒާމުކުރުމަށް މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާކަމަށެވެ. އަދި އިތުރު 9 ރަށެއްގައިވެސް ޔޫތު ހަބު ޤާއިމުކުރުމަށް ބިން ހަމަޖައްސައި، އެކަމުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ކުރިއަށް ގެންދަވާނެކަމަށް ވެސް އެމަނިކުފާނި ވިދާޅުވިއެވެ.
އެގޮތުން މި ޔޫތު ހަބުތައް ފަރުމާކުރަން ނިންމާފައިވަނީ ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތަށް ހިންގުމާއި، ޒުވާނުންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ގާއިމުކުރެވޭނެ ހެންނެވެ. އަދި ޒުވާނުންނަށް ދިމާވާ ތަފާތު މައްސަލަތަކުގައި ޔޫތު ކައުންސެލިންގ އަދި ޔޫތު ވެލްބީންގ ޚިދުމަތް އެއް ފުރާޅެއްގެ ދަށުން ޒުވާނުންނަށް ފޯރުކޮށްދެވޭނެ ތަނެއްގެ ގޮތުގައިކަމަށް ސަރުކާރުގެ ފަރާތުން ޔޫތު މިނިސްޓްރީން މީގެކުރިން ބުނެފައިވެއެވެ.
ޔޫތު ހަބު ގާއިމުކުރުމަށް ނިންމާފައިވާ ރަށްތައް:
° ގއ. ވިލިނގިލި
° ހއ. ދިއްދޫ
° އދ. މަހިބަދޫ
° ބ. އޭދަފުށި
° ދ. ކުޑަހުވަދޫ
° ފ. ނިލަންދޫ
° ޅ. ނައިފަރު
° ރ. އުނގޫފާރު
ލ. ފޮނަދޫ




