ފަލަޞްޠީނަށް އދ ގެ ފުރިހަމަ މެންބަރުކަންދިނުމަށް ތާއީދުކުރާ ގަރާރު އދ ގެ އާންމު މަޖިލީހުން ފާސްކޮށްފި އެވެ.
މި ގަރާރު ފާސްކުރީ މިއަދު ބޭއްވި އެ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ނެގި ވޯޓުގަ އެވެ. މި ވޯޓުގައި އދ ގެ މެންބަރު 143 ގައުމަކުން ވަނީ ފަލަޞްޠީނަށް ފުރިހަމަ މެންބަރުކަން ދޭން ފެންނަކަމަށް ވޯޓުދީފަ އެވެ. ނުވަ ގައުމަކުން ފަލަޞްޠީނަށް ފުރިހަމަ މެންބަރުކަން ދިނުމާއި ދެކޮޅަށް ވޯޓުދިންއިރު، އޭގެ ތެރޭގައި އިޒްރޭލާއި އެމެރިކާ ހިމެނެއެވެ. 25 ގައުމަކުން ވޯޓުގައި ބައިވެރި ނުވެއެވެ.
ފަލަޞްޠީނަށް އދ ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ތާއީދުކޮށް ”އެޑްމިޝަން އޮފް ނިއު މެމްބާސް ޓު ދަ ޔުނައިޓަޑް ނޭޝަންސް“ގެ ނަމުގައި ޔުނައިޓެޑް އެރެބް އެމިރޭޓްސްއިން، އދ ގެ އާންމު މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރުމަށް ރާއްޖެއިންވެސް ވޯޓުދީފައި ވެއެވެ. މި ގަރާރު ކޯ-ސްޕޮންސަރ ކުރީވެސް ދިވެހި ރާއްޖެއިންެނެވެ.
އދ ގެ އާންމު މަޖިލީހުގެ މިގަރާރު ފާސްވެގެން ދިއުމާއެކު، މަޖިލީހުގެ ތަޅުމުން ފަލަޞްޠީނަށް ގޮނޑިއެއް ޚާއްސަ ކުރެވޭނެއެވެ.އަދި އދ ގެ ބައްދަލުވުންތަކުގައި ބައިވެރިވެ ވާހަކަދައްކައި ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އެހެންނަމަވެސް މެންބަރު ގައުމެއްގެ ގޮތަށް އދ އަށް ހުށަހަޅާ އެއްވެސް ގަރާރަކަށް ވޯޓްދިނުމުގެ ހައްގެއް ނުލިބޭނެއެވެ. ފަަަލަޞްޠީނު ފުރިހަމަ މެންބަރު ގައުމަކަށް ވެވޭނީ އދ ގެ ސަލާމަތީ މަޖިލީހުން ފުރިހަމަ މެންބަރުކަން ދިނުމަށް ފާސްކުރުމުންނެވެ. އަދި، ފުރިހަ މެންބަރަކަށް ލިބޭ އެންމެހައި އިޚުތިޔާރުތަކާއި މަންފާތައް ފަލަޞްޠީނަށް ލިބޭނީ ސަލާމަތީ މަޖިލީހުން މެންބަރުކަންދޭ ހިސާބުންނެވެ.
ފަލަސްޠިނު މިހާރު އޮންނަނީ، އދ.ގެ އޮބްޒާވަރު ފެންވަރުގެ ގައުމެއްގެ ގޮތުގަ އެވެ. އެހެންކަމުން އެގައުމުން ކަނޑައަޅާފައި ހުންނަ މަންދޫބަށް މިހާރު ވާހަކަފުޅު ދެއްކުމުގެ ފުރުސަތު ލިބެނީ ހަމަ އެކަނި މަޖިލީހުގައި ކުރިޔަށްދާ ފަލަސްޠީނާއި، މެދުއިރުމަތީގެ މައްސަލަތަކުގަ އެވެ.



