ތުއްތު ކުދިންނަށް ދޭ ފޯމިއުލާއެއް ކަމަށްވާ ”ބޭބީބަޔޯ“ ގެ ބެޗަކުން ވިހަ މާއްދާއެއް ފެނުމާ ގުޅިގެން އެ ބްރޭންޑުގެ ބައެއް އުފެއްދުންތައް ރާއްޖެ އެތެރެކުރުމާއި ވިއްކުން އަދި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭ އިން މިއަދު ބުނީ ފްރާންސްގައި އުފައްދާފައިވާ ބޭބީބަޔޯ ބްރޭންޑުގެ އިންފެންޓް ފޯމިއުލާގެ ބައެއް ބެޗުތަކުން ”ސެރެއުލައިޑް“ ކިޔާ ވިހަ މާއްދާއެއް ފެނިފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
މި އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ފްރާންސްގެ ކަމާ ގުޅޭ އިދާރާ އިން އަންގާފައިވާކަމަށް ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން ބުނެފައިވާ ކަމަށް އެ އޮތޯރިޓީއިން ބުނެފައިވެއެވެ.
އެމްއެފްޑީއޭ އިން ބުނީ، ސެރެއުލައިޑް އަކީ ބެސެލަސް ސިރިއަސް ޖަރާސީމުން އުފައްދާ ވިހަ މާއްދާއެއް ކަމަށާއި މި މާއްދާއިން ތަގައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭނުބައިކޮށް ހޮޑުލުމާއި ބަނޑުގައި ރިއްސުން ފަދަ ކަންތައް ދިމާވެދާނެ ކަމަށެވެ.
އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭބީ ބަޔޯ ބްރޭންޑުގެ ދެ އުފެއްދުމެއް ރާއްޖެ އެތެރެ ނުކުރުމަށާއި ނުވިއްކުމަށް އަދި ބޭނުން ނުކުރުމަށް ވަނީ އަންގާފައެވެ.


