ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުއާއެކު ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށް ފަސޭހަވެގެންދާނެކަމަށް ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައި ވަނީ ކަޅުތުއްކަލާކޮށީގައި އުމްރާނީ ބިނާގެ މުހިއްމު މަސައްކަތްތަކެއް، މި އަހަރުގެ ތެރޭގައި ފަށާނެކަން އިއިލާނު ކުރައްވާފައެވެ.
އެކަމާ ބެހޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ދައުލަތުގެ މީޑިއާއިން ދެއްކި ޕްރޮގްރާމެއްގައި މިނިސްޓަރ ޣައްސާން ވިދާޅުވީ ދިވެހި ސިފައިންގެ ހިދުމަތުގެ އުމްރާނީ ތަރައްޤީއަށް ބަލާއިރު ސިފައިންގެ އިމާރާތްތަކާއި ލޮޖިސްޓިކްއާއި އިދާރީ ހިންގުމަށް ބޭނުންވާ އިމާރާތްތަކުގެ އިތުރުން އެކަމަޑޭޝަން އިމާރާތްތަކުގެ ޙާލަތު ހުރީ ހިތްހަމަޖެހޭ ފެންވަރަކަށް ނޫން ކަމަށެވެ. އަދި 2000ގެ ފަހުން އާބާތުރަ ފިލުވުމަށް މަސައްކަތްތަކެއް ކުރެވިފައި ނުވާކަންވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.
ސިފައިންގެ ޚިދުމަތް މުޅި ރާއްޖޭގައި ދެމުން ދިޔަނަމަވެސް އެންމެ ގިނައިން ސިފައިން ތިބީ މާލެ ސަރަޙައްދުގައެވެ. އަދި އެންމެ ބޮޑު ޚިދުމަތެއް ދެމުންދަނީވެސް މާލެ ސަރަހައްދުގައެވެ.
މިކަމަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ޣައްސާން ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ޒުވާން ސިފައިން މާލެ ސަރަޙައްދުގައި ޤާއިމްވެ ތިބިކަމަށާއި މިހާރުގެ ހާލަތަކީ ސިފައިންގެ ވަޒީފާއަށް މާލެ އައިސް ކުއްޔަށް ތިބެންޖެހުން ކަމަށެވެ. ނަމަވެސް ކަޅުތުއްކަލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުއާއެކު މިފަދަ އެތައް ކަމަކަށް ލުޔެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
”މިއަހަރު ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަޅުތުއްކޮލާކޮށީގައި ކުރިއަށްގެންދާ މަޝްރޫޢުގެ ސަބަބުން މިފަދަ މައްސަލަތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. ސިފައިންގެ އެކަމަޑޭޝަންގެ މައްސަލައަށާއި އިދާރީ ހިންގުމަށާއި ލޮޖިސްޓިކްއަށް ބޮޑުތަނުން ފަސޭހަތަކެއް ލިބިގެންދާނެ.“ ޑިފެންސް މިނިސްޓަރ މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވިއެވެ.



