ހައި ކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ޝަފީއު ރޭގައި އައްޔަންކޮށްފިއެވެ.
އަބްދުއްރައޫފާއި ޝަފީއު ހައި ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމީ މި ހިނގާ ފެބްރުއަރީ މަހުގެ 2ގައި ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައެވެ.
އެ ދެ ބޭފުޅުން އެ ރޭ ހުވާކުރެއްވުމަށް ތާވަލްކުރި ނަމަވެސް، އެ ބައްދަލުވުން ކެންސަލް ކުރުމަށްފަހު ރޭ ވަނީ ހުވާކުރައްވާފައެވެ.
މަގާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަން ހުސްވީ، އެ މަގާމުގައި ހުންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން ވަކިވެވަޑައިގަތުމުންނެވެ.
ހައި ކޯޓުގައި މަސައްކަތްކުރެއްވި އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް މިދިޔަ ނޮވެމްބަރުގައި މަގާމުން ރިޓާޔާކުރެއްވިއިރު، މިދިޔަ ޑިސެމްބަރުގައި ފައިސަލް މަގާމުން އިސްތިއުފާ ދެއްވީ، ޖޭއެސްސީން މި ދެ ފަނޑިޔާރުންގެ މައްސަލައެއް ބަލަން ފެށުމުންނެވެ.




