ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތްއޮތުން އުވާލައި، އެ ޤައުމުގައި ވެރިކަންކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓުން ވެސް އުނިކޮށްފިއެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓް ކޮންމެ އަހަރަކު އެއްފަހަރު މުރާޖާކޮށް، ގައުމީ ސަލާމަތީ މަޖިލީހުގެ ލަފާގެ މަތިން ރައީސް އިއުލާން ކުރައްވަން ޖެހެއެވެ.
އެޗްޓީއެސް ޖަމާއަތަކީ އޮކްޓޫބަރު، 2019 އިން ފެށިގެން ރާއްޖޭގެ ޓެރަރިސްޓް ލިސްޓްގައި އޮތް ޖަމާއަތެކެވެ. އެ ޖަމާއަތް ސީރިއާގެ ވެރިކަމާ ހަވާލުވީ އެ ޤައުމުގެ ރައީސް ބައްޝާރުލްއަސަދުގެ ވެރިކަން ކުއްލި ގޮތަކަށް ވައްޓާލުމަށްފަހު ޑިސެމްބަރު، 2024 ގައެވެ.
އެ އަހަރު އެ ލިސްޓު އެންމެފަހުން ނެރުނުއިރު ވެސް އެޗްޓީއެސް ޖަމާއަތް ހިމެނޭހެން 20 ޖަމާއަތެއް ރާއްޖޭގެ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓްގައި އޮތެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ނެރުު ލިސްޓްގައި އެޗްޓީއެސް ޖަމާއަތް ވަނީ އުނިކޮށްފައެވެ.
މީގެ އިތުރުން ސީރިއާއަކީ ދިވެހިން ދަތުރުކުރުން މަނާވާ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި އޮތްއޮތުން ވެސް އެ ލިސްޓުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ.
އެޗްޓީއެސް ބަލައިގަތް ގައުމުތަކުގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.
އެޗްޓީއެސްގެ ވެރިޔާ އަދި ސީރިއާގެ މިހާރު ރައީސް އަހްމަދު އައްޝަރާއާ ވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލު ވެސް ކުރެއްވިއެވެ.




