ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާގެ މަރުގެ މައްސަލައިގައި، އެ ހާދިސާ ހިނގިއިރު އެކްސްކެވޭޓަރު އޮޕަރޭޓުކުރަން އިން ޝްރީ ލަންކާ މީހާ ފިލަން އުޅުނުކަމުގެ ތުހުމަތު އުފުލިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 26 ވީ ހޯމަ ދުވަހުގައެވެ. އަމީން މިއާ ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައިވަނީ އޭގެ ދެ ދުވަސްފަހުން ކުނިތަކެއްގެ ތެރެއިންނެވެ.
އެކްސްކެވޭޓަރުގެ ދަތްގަނޑަކުން ޖެހިގެން އަމީން މިއާ ވެއްޓި، ގެއްލުމުން ވެސް އޭނާ ހޯދުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ނުކުރި ކަމަށާއި އެކަމުގައި އިހުމާލުވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުރުހުން ފާޅު ކޮށްފައެވެ.
މިކަމާ ބެހޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު މިމަހުގެ 1 ވަނަ ދުވަހު ވިދާޅުވީ، ތިލަފުށި ވެމްކޯ ސައިޓްގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝްގެ އަމީން މިއާ ގެއްލިގެން ހޯދަމުންދަނިކޮށް ނިޔާވެފައި އޮއްވާ ފެނުނު މައްސަލައިގެ ތަހުގީގަށް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަމީން މިއާ މަރުވުމަށް މެދުވެރިވެފައިވަނީ 2026 ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކުނި ޖަމާކޮށްފައިވާ ސައިޓްގެ ބައެއްގައި އެކްސްކެވޭޓަރަކުން ކުނި ނެގުމުގެ މަސައްކަތްކުރަނިކޮށް، އޭގެ ދަތްގަނޑުން ޖެހި ވެއްޓި، އެކްސްކެވޭޓަރުން ކުނިތައް އެތަނުގެ ކައިރިން އެހެން ދިމާލަކަށް ބަދަލުކުރުމުގެ ތެރޭގައި އޭނާގެ ހަށިގަނޑާއެކު ކުނިތައް ބަދަލުކުރެވި އޭނާގެ ގައިމައްޗަށް ކުނިތަކެއް އެޅިގެން ހިނގި ހާދިސާއެއްގައި ކަމަށެވެ.
އެ ހާދިސާ ހިނގި ސަރަހައްދު ފެންނަ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސްކެވޭޓަރުގެ ދަތްގަނޑުން އަމީން މިއާ ގައިގައި ޖެހުނު ނަމަވެސް މެދުކެނޑުމެއް ނެތި، މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން އެކްސްކެވޭޓަރު އޮޕަރޭޓްކުރި ފަރާތް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށާއި ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މަދުރަންގަ ޑިސަނަޔަކަ މެނިކައެވެ. މިއަދު އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް ވަނީ ކޯޓަށް ހާޒިރުކޮށްފައެވެ.
މަދުރަންގަގެ ބަންދު ދަމަހައްޓަން ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ އޭނާ ދުއްވި އެކްސްކެވޭޓަރުން ޖެހި އަމިން މިއާ ނިޔާވި މައްސަލައިގައެވެ.
އެ މައްސަލައިގައި ހެކިވެރިއަކު ދިން ބަޔާނަކާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައިވަނީ، މަދުރަންގަ ފިލައިގެން ދާން މަސައްކަތްކުރި ކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ މަސައްކަތްކުރަމުން ދިޔައީ ގަވައިދާ ޚިލާފަށް ކަމަށް، މައްސަލަ ބައްލަވާ ފުލުހުންގެ އޮފިސަރު ކޯޓުގައި ވިދާޅުވި ކަމަށްވެސް އަމުރުގައިވެއެވެ.
މި މައްސަލަ ބައްލަވާ ގާޟީ ޢާއިޝަތު ނުޒުހާ ނިންމެވީ މަދުރަންގަ ޑިސަނަޔަކަ މެނިކަ އިތުރު ދިހަ ދުވަހަށް ބަންދުކުރުމަށެވެ.




