މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް، މިމަހުގެ 2 ވަނަ ދުވަހު ނިޔާވި ދެ ގައިދީންގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ނިޔާވެފައިވަނީ ސ.ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒު، (45އ.) އާއި ދަފްތަރު ނަންބަރު ދރ 439 / ކ.މާލެ / އިބްރާހީމް ސުހައިލް (53އ.) އެވެ.
ޙަސަން ނިޔާޒުގެ ހާޅު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ނިޔާވެފައިވާ ކަމަށް އެއިރު ކަރެކްޝަންސުން މައުލޫމާތު ދިނެވެ. އަދި އިބްރާހީމް ސުހައިލްއަަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންގޮސް އެޑްމިޓުކޮށްގެން ފަރުވާ ދެމުން ދަނިކޮށެވެ. މި ދެ މަރުގެ މައްސަލަވެސް ފުލުހުން ވަނީ މިހާރު ތަހިގީގު ކުރަން ފަށާފައެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނީ މި ދެ މައްސަލައިގެ ތަހުގީގުގެ ބޭނުމަށް، ނިޔާވި ދެ މީހުންގެ ހަށިގަނޑުގެ އޯޓޮޕްސީ ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އޯޓޮޕްސީ ހެދުމަށްޓަކައި ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
ކަރެކްޝަންސުން އެ ދުވަހު ބުނިގޮތުގައި މީގެ ތެރެއިން ސުޙެއިލް ނިޔާވެފައިވަނީ އޭނާގެ ސިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވަނިކޮށް ކަމަށެވެ. އަދި އޭނާއަށް ވަނީ ނިއުމޯނިއާ ޖެހިފައި ކަމަށް ކަރެކްޝަންސްއިން ބުންޏެވެ.
މީގެ އިތުރުން އޭނާއަކީ މިދިޔަ އަހަރުގެ ތެރޭ ސްޓްރޯކެއްޖެހިގެން، އެކަމަށް ވެސް ފަރުވާ ހޯދަމުންއައި މީހެއްކަމަށް ކަރެކްޝަނުން ބުންޏެވެ.
ޙަސަން ނިޔާޒު ނިޔާވީ އެ ދުވަހުގެ މެންދުރު ފަހު، ކުއްލިއަކަށް މެޑިކަލް އެމަޖެންސީއެއް ދިމާވެ، ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާ ދެމުން ދަނިކޮށް ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.
މީގެ ތެރެއިން އެކެއްގެ ހަށިގަނޑުން ޒަހަމުތަކެއް ފެންނަން ހުރި ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި އެ ދުވަހު ވަނީ ދައުރު ވެފައެވެ.



