ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން ހދ. ނެއްލައިދޫގައި 600 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއްގައި ފެނަކައިން ކޭބަލް ވަޅުލައި ނިމިއްޖެއެވެ.
އެ ކުންފުނިން ބުނި ގޮތުގައި، މި މަސައްކަތުގެ ދަށުން 2100 މީޓަރަށްވުރެ ބޮޑު ސަރަޙައްދެއް ކޮނުމަށް ހަމަޖެހިފައިވާއިރު، އަމާޒަކީ 3 މަސް ދުވަސް ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލުމެވެ.
މިހާރު ނެއްލައިދޫގައި ކަރަންޓު ދެމުން ގެންދަނީ 20sqmm ގެ ކޭބަލުންކަމަށް ވާއިރު، މިހާރު ކުރިއަށްދާ އަޕްގްރޭޑިންގައި 70sqmm އިން ފެށިގެން 150sqmm ސައިޒުގެ ކޭބަލަށް ބަދަލު ކުރާނެ ކަމުގައި ފެނަކައިން ބުންޏެވެ.
މުޅި ރަށުގެ ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ދަށުން، ނެއްލައިދޫގައި އަލަށް އާބާދުވާ ސަރަޙައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުންވެސް ހިމެނޭ ކަމުގައި ފެނަކައިން ބުންޏެވެ. މި ބަދަލާއެކު ރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެއެވެ.
މީގެއިތުރުން ހދ. ކުމުންދޫގެ ބައެއް ސަރަޙައްދުތަކުގައި ކުރިން ބޭނުން ކުރަމުންދިޔަ 20sqmm ކޭބަލްވެސް ވަނީ 95sqmm ކޭބަލަށް ބަދަލުކޮށްފައިވާ ކަމަށާއި އަދި އެއާއެކު އައު ޑިސްޓްރިބިއުޝަން ފޮށި ބެހެއްޓުމުގެ މަސައްކަތްވެސް ވަނީ ނިމިފައިވާ ކަމަށް ފެނަކައިން ބުންޏެވެ. މީގެ އިތުރުން ކުމުންދޫގައި އަލަށް އާބާދުވާ ސަރަޙައްދަށާއި ދަނޑުބިންތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކޭބަލް ވަޅުލުމުގެ މަސައްކަތްވެސް ވަނީ ނިމިފައެވެ.
ހދ. މޮޅަދޫޫގައި އަލަށް ޤާއިމްކޮށްފައިވާ ދެ ޕަންޕު ސްޓޭޝަނަށް ކަރަންޓު ގުޅުމުގެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައެވެ. ޕަންޕު ސްޓޭޝަންތަކަށް ކަރަންޓު ދިނުމަށް ކޭބަލް ވަޅުލުމުގެ މަސައްކަތް ކުރިއަށްދާއިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މި މަސަކަތް އެއްކޮށް ނިންމާލެވޭނެ ކަމުގައި ފެނަކައިން ބުންޏެވެ.
މޮޅަދޫގެ ކަރަންޓުގެ ޙާލަތު ރަގަޅު ކުރުމަށް އިތުރު މަސައްކަތްތަކެއްވެސް ނިންމާލާފައިވާ ކަމަށާއި އެގޮތުން މޮޅަދޫގައި ބަހައްޓާފައިވާ ދެ ޑިސްޓްރިބިއުޝަން ފޮށި އާކޮށް، ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން، އެ ދެފޮށީގެ ކަރަންޓު 12W އިން 18W އަށް ވަނީ ބަދަލުކޮށްފައިވާ ކަމަށް ފެނަކައިން ބުންޏެވެ.
މީގެ އިތުރުން، އެރަށުގެ ކައުންސިލުން ތަރައްޤީ ކުރާ އާރުއޯ ޕްލާންޓަށް ކަރަންޓު ދިނުމަށް ފެނަކައިން ދަނީ ޓެކްނިކަލް އެހީތެރިކަން ފޯދުކޮށްދެމުންނެވެ.




