ސަރުކާރުން މިއަހަރަށް ކަނޑައެޅި ބަޖެޓަކީ އުއްމީދީ ބަޖެޓެއް ކަމަށާއި އެ ބަޖެޓާއެކު ޝަރުއީ ދާއިރާ ކުރިއެރުވުމަށް ތައްޔާރަށް ތިބި ކަމަށް އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ ޤަޟާޢީ އަހަރު 2026 އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެ ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރުވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާ ކުރިއެރުވުމަށް މިއަހަރަށް ރާވާފައިވާ ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން، އެ ދާއިރާ ޑިޖިޓަލް ކުރުމަށް މިއަހަރު މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ ވިދާޅުވީ ޝަރުޢީ ދާއިރާއަށް ޒަމާންތަކެއްވަންދެން އިހުމާލުވެފައި އޮތުމުގެ ސަބަބުން އެ ދާއިރާއަށް ކުރިމަތިވި ހުރަސްތައް މިއަދު ހިރާސްތަކަށް ބަދަލުވެފައިވާ ކަމަށެވެ. ނަމަވެސް އަދުގެ ސަރުކާރުން އެ ހިރާސްތައް ނައްތާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށާއި ޝަރުޢީ ދާއިރާއަށް ވަކި ބަޖެޓެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް ކަނޑައެޅުމަކީ އެ ދާއިރާއަށް މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ސަރުކާރުން އިސްކަންދޭ މިންވަރު ހާމަވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަހަރުގެ އުއްމީދީ ބަޖެޓާއެކު ޝަރުޢީ ދާއިރާއިން އުއްމީދީ ނަތީޖާއެއް މިއަހަރު ހާސިލް ކުރުމަށް އަމާޒު ހިފާފައިވާ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
އެގޮތުން، މިއަހަރުގެ ތެރޭގައި މުޅިން އަލަށް 49 ޕީއެސްއައިޕީ މަޝްރޫއުތަކަށް ފަށާނެ ކަމަށާއި މިހާރު ފަށާފައިވާ 10 މަޝްރޫއެއް ނިންމޭނެ ކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.



