ސައުދި އަރަބިއްޔާގެ މަދީނާގައި ހުންނަ މުސްލިމުންގެ މުޤައްދަސް ބިނާއެއްކަމަށްވާ، މަސްޖިދުއް ނަބަވީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައިފި އެވެ.
އުމްރާގެ އަޅުކަމަށް ރައީސް އާއި އަނބިކަނބަލުން ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވީ އިއްޔެގެ ވަގުތެއްގައެވެ. އިއްޔެ މަދީނާއަށް ޒިޔާރަތް ކުރައްވާފައިވާއިރު މިއަދު ވަނީ މަދީނާގައި ހުންނަ މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރައްވާފަ އެވެ.އަދި، މަދީނާގައި ތައުލީމު ޙާޞިލްކުރަމުންދާ ދިވެހި ދަރިވަރުންނާވެސް ރައީސް ވަނީ ބައްދަލުކުރައްވާފަ އެވެ
ރައީސްގެ ދެމަފިރިކަނަބަލުންގެ މި ދަތުރުފުޅަކީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ޚާއްޞަ މެހެމާންދާރީގައި ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސައުދީއަށް ދަތުރުކުރެއްވީ ސަޢޫދީ ސަރުކާރުން ފޮނުއްވި ޚާއްޞަ މަތިންދާ ބޯޓެއްގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާއި، އިސްލާމީ މަރްކަޒުގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުހައްމަދު ލަޠީފާއި ސަރުކާރުގެ އެހެނިހެން އިސް އޮފިޝަލުންތަކެއް ބައިވެރިވަޑައިގަންނަވަ އެވެ.




