ކުރިއަށް އޮތް ރަމަޟާންމަހު މާލޭގެ މަގުތައް ތޮއްޖެހުން ކުޑަކޮށް ޓްރެފިކް މެނޭޖުކުރުމަށްޓަކައި ފުލުހުން ޚާއްސަ ވަކި ޓީމެއް އެކުލަވާލައިފިއެވެ.
ޓްރެފިކް މެނޭޖުކުރުމުގެ މަސައްކަތް މިމަހުގެ 1 ވަނަ ދުވަހު ފަށާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ރަމަޟާން މަހަކީ އެކި ސަބަތުކާހުރެ މާލޭގެ މަގުތަކަށް ބާރު ބޮޑުވާ މަހެއްކަމުން، މާލޭގެ ޓްރެފިކް ފުލުހުން ވަނީ، މިކަން މެނޭޖުކުރުމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އެގޮތުން މާލޭގެ 3 ސަރަޙައްދެއް ޚާއްސަ ސަމާލުކަމެއްދީގެން މިމަހުގެ 1 އިން ފެށިގެން ބަލަހައްޓަމުންދާކަމަށް ހެޑް އޮފް ޓްރެފިކް ޕޮލިސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް، އިބްރާހިމް އިމްރާން ވިދާޅުވެފައިވެއެވެ. އެ ސަރަހައްދުތަކަކީ، ޓީޖެޓީ ކައިރި، އެމްއެމްއޭ ކައިރި އަދި ބާޒާރުމަތީ ސަރަހައްދެވެ.
މީގެއިތުރުން، ބަނދަރުމައްޗާ، ބަނދަރުން ގުޅިފައިވާ މަގުތަކުގެ ޓްރެފިކް ފްލޯ ތަރުތީބުކުރުމުގެ މަސައްކަތް ފަަށާފައިވާކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.
އެގޮތުން ޤަވާއިދާ ޚިލާފަށް ބަހައްޓާފައިހުރި ޕްލެޓްތައް ނެގުމާއި، މަގުމަތީގައި ބަހައްޓާފައިވާ މުދާ ނެގުމާއި، ބާޒާރުމަތީ ސަރަހައްދު ތަރުރީބުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިމްރާން ވިދާޅުވިއެވެ.
”އަޅުގަނޑުމެން ރަމަޟާން މަސް އަންނަވާއިރަށް ބަނދަރު މައްޗާއި ބާޒާރުމަތީގެ ސަރަޙައްދުތައް ތަރުތީބުކުރުމަށް ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިޔަށް ގެންދަނީ. ހަމައެއާއެކު، ރަމަޟާން މަހަކީ މިސްކިތްތައް ކައިރީގައި ވަރަށް ބާރުބޮޑުވާ މަސްވަރަކަށްވާތީ، އަޅުގަނޑުމެން މިދަނީ ދުރާލާ ތައްޔާރުވަމުން.“ ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި އިމްރާން ވިދާޅުވިއެވެ.
ހަމައެއާއެކު، ބާޒާރު މަތީ ހިމެނޭ ސަރަހައްދުން ފެށިގެން އެއް ނަންބަރު ފާލަމާ ހަމައަށް، އަދި ނޯތު ހާބަރު ސަރަހައްދުގެ އިތުރުން، ޓީޖެޓީ ސަރަހައްދުގެ ޓްރެފިކަށްވެސް ވަކި އުސުލޫތަކެއް ރޯދަމަސް ތެރޭގައި ހަމަޖައްސާނެކަމަށް އިމްރާން ވިދާޅުވިއެވެ.
ބޯޓު ފަހަރުތަކަށް މުދާ އަރުވާ ބޭލުމުގައި:
° ބޯޓުތަކުން މުދާ ބާލާފައި ޖެޓީ މަތީގައި ނުވިއްކުން
° ބޯޓުތަކުން އަރުވަން މުދާ ގިނަ ދުވަސް ވަންދެން ނުބެހެއްޓުން
° ބޯޓުތަކުން މުދާ ބާލާފައި ނުގެންގޮސް ނުބެހެއްޓުން


