ރޭ ދަންވަރު ދެ ކާރަކާއި ސައިކަލްތަކެއް ޖެހި، ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކަށް އަދިވެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ދެ މީހަކު މިހާރު ދޫކޮށްލާފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މަންޒަރު ދުށް ބައެއް މީހުން ”ސައުވީސް“ އަށް މައުލޫމާތު ދެމުން ބުނީ މި އެކްސިޑެންޓު ހިނގާފައިވަނީ މައްސަލައެއް ދިމާވެގެން ހައިވޭގައި މަޑުކޮށްފައި އޮތް ކާރެއްގެ ފަހަތުން އައި ކާރެއް ޖެހިގެން ކަމަށެވެ. އަދި މަޑުކޮށްފައި އޮތް ކާރުގައި އިން ޑްރައިވަރު އެވަގުތު ވިއްސައިގެން ގޮސް ޖެހިގެން އޮތް ހުޅުމާލެއިން މާލެއަށްދާ ލޭނަށް ވެއްޓިފައިވާ ކަމަށް ވެސް މައުލޫމާތު ދިނެވެ.
މި ހާދިސާގައި އެ ޑްރައިވަރުގެ ބޯ ފަޅައިގެން ގޮަސް، ކަނާތު ކޮނޑު ހުޅުން ވެސް ނެއްޓިފައިވާކަމަށް އޭނާއަށް އެވަގުތު އެހީތެރިވި ބައެއް މީހުން މައުލޫމާތު ދިނެވެ.
މީގެއިތުރުން ޖެހުނު އަނެއް ކާރު، އެނބުރިގެން ގޮސް 4 ސައިކަލެއްގައި ވެސް ޖެހުނު ކަމަށާއި އެތަނުން އެއް ސައިކަލު ދުއްވަން އިން މީހާ އެވަގުތު ކާރެއްގެ ދަށަށް ވެއްޓުނު ކަމަށާއި އޭނާއަށް ވެސް އެކިވަރުގެ އަނިޔާވެފައިވާ ކަމަށް މައުލޫމާތު ދީފައިވެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ދިވެހި ހަތަރު ފިރިހެނަކަށެވެ. އަދި އެ މީހުންނަށް އައިޖީއެމްއެޗްގައާއި ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ. އައިޖީއެމްއެޗްއަށް ގެންގޮސްފައިވަނީ ބޯ ފަޅައިގެން ދިޔަ މީހާއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ”ސައުވީސް“ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ހާދިސާގައި އެ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް ކަމަށާއި އޭނާއަށް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށެވެ.


