ހަލާލް ޓޫރިޒަމްގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ”މުސްލިމް ޓްރެވަލް ޝޯ 2026“ ގައި ރާއްޖެއިން ބައިވެރިވެ، ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
އިންޓަރނޭޝަނަލް ހަލާލް ޓޫރިޒަމް އޯގަނައިޒޭޝަން (އައި.އެޗް.ޓީ.އޯ) އިން މި ޝޯގައި ބައިވެރިވެފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 7 އިން 8 އަށް ލަންޑަންގެ އެކްސެލްގައެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނީ މި މައުރަޒުގައި ރާއްޖެއިން ވަނީ އިސްލާމީ އުސޫލުތަކަށް ލޯބިކުރާ ފަތުރުވެރިންނަށާއި، ދާއިރާގެ މާހިރުންނަށް، އަދި އިންވެސްޓަރުންނާއި ބައިނަލްއަޤްވާމީ މީޑިއާތަކަށް ރާއްޖޭގެ ފެންވަރު ރަނގަޅު ހަލާލް ފްރެންޑްލީ ފަތުރުވެރިކަމުގެ ޚިދުމަތްތައް ދައްކާލާފައި ކަމަށެވެ. އަދި މި މައުރަޒުގައި ރާއްޖޭގެ ބައިވެރިވުން ކުރިއަށް ގެންގޮސްފައިވަނީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ) ގެ ބެލުމުގެ ދަށުން، ރާއްޖެ ތަމްސީލުކުރާ ރަސްމީ ސްޓޭންޑެއްގައި ކަމަށް ވެސް ބުންޏެވެ. މިއީ ބައިނަލްއަޤްވާމީ ހަލާލް ޓޫރިޒަމްގެ ދާއިރާގައި ރާއްޖޭގެ މަޤާމު ވަރުގަދަކުރުމަށް ކުރެވޭ މުހިންމު އިސްތިރާޖީ މަސައްކަތެެއްކަމަށް ވެސް ބުންޏެވެ.
މުސްލިމް ޓްރެވަލް ޝޯ އަކީ ޔޫރަޕްގައި ބޭއްވޭ މުސްލިމް-ފްރެންޑްލީ ފަތުރުވެރިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް މައުރަޒެވެ. މިއީ ދުނިޔޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މި ބަޔަށް އަމާޒުކޮށް، އެކި މަންޒިލްތަކާއި ފަތުރުވެރިކަމުގެ ބްރޭންޑްތައް ގުޅުވައިދޭ މަތީ ފަންތީގެ މަންސައެކެވެ. ދުނިޔޭގެ ބާޒާރުގައި 225 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އަގުލަބިއްޔަތެއް އޮތް މި ދާއިރާގައި، 20،000 އަށްވުރެ ގިނަ ޒިޔާރަތްތެރިންނާއި 200 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވި މި ހަރަކާތަކީ ދިވެހިރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ފުރުސަތެކެވެ. މީގެ ސަބަބުން އިނގިރޭސިވިލާތް، ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ، މެލޭޝިއާ އަދި ވިލާތުގެ މުސްލިމް ފަތުރުވެރިންގެ އުފެދެމުން އަންނަ މާކެޓުތަކާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމަށް މަގުފަހިވެގެންދިޔަކަމަށް ވިޒިޓް މޯލްޑިވްސްއިން ބުންޏެވެ.




