ދިވެހި ރާއްޖޭގެ އޭވިއޭޝަން ޕްލެޓްފޯމްތަކުގައި ތިބި އިންޑިއާ ސިފައިންގެ ބަދަލުގައި ގެނެސްފައިވަނީ މަދަނީންކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ،ޕްލެޓްފޯމްތަކުގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް އިންޑިއާއާއެކު ބޭއްވި މަޝްވަރާތަކަށް ފަހު އެއްބަސްވުމަކަށް އައިކަމަށާއި، އެއްބަސްވުމާއި އެއްގޮތަށް ސިފައިން ބާލާ އޭގެ ބަދަލުގައި، ހަމަ އެ އަދަދަށް މަދަނީން އިންޑިއާއިން ފޮނުވައި ދިން ކަމަށެވެ.
ސިފައިންގެ ބަދަލުގައި މަދަނީން ފޮނުވަން އެދުނީ ދިވެހި ރާއްޖެއިންތޯ ނޫސްވެރިއަކު ސުވާލު ކުރެއްވުމުން ވިދާޅުވީ ދެގައުމެއްގެ ދޭތެރޭގައި މަޝްވަރާއެއް ކުރަމުންދާއިރު އޭގެ ތަފުސީލު ހާމަކުރާނީ ވަކި އުސޫލެއްގެ ދަށުން ކަމަށާއި މި ވަގުތު އެ މައުލޫމާތު ހާމަކުރެވެން ނެތްކަމަށެވެ. އަދި ވިދާޅުވީ ހަމަ ގައިމުވެސް، އިންޑިއާއިން ފޮނުވާފައިވަނީ ނޮން- މިލިޓަރީ މީހުންކަން ކަށަވަރު ކުރެވޭ ކަމަށެވެ.
”ޔަގީންކަންދޭން ބޭނުންވޭ. އިންޑިއާ އަސްކަރިއްޔާގައި މަިވަގުތު މަސައްކަތް ކުރަމުންދާ އެއްވެސް ރޭންކެއްގެ މީހަކު މިއައިމީހުންގެ ތެރެއަކު ނެތް“ ޒަމީރު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންގެސް ވަނީ މިހާރު ރާއްޖެ އައިސްތިބީ މަދަނީންކަން ސާބިތު ކުރެވޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިހާރު، އަސްކަރީ އުޅަނދުތައް އޮޕަރޭޓް ކުރަން އައިސް ތިބީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން ކަމަށް ޣައްސާން ވިދާޅުވި އެވެ. އަދި މިހާރު އުޅަނދުތަކުގެ ކޮމާންޑް އެންޑް ކޮންޓްރޯލް ފުރިހަމައަށް ޑިފެންސް މިނިސްޓްރީ އާއި އެމްއެންޑީއެފަށް ލިބިފައިވާ ކަމުގެ ޔަގީންކަންވެސް ޣައްސާން ދެއްވި އެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ބޭފުޅުން ދެއްކެވި ވާހަކަތަކަށް ބަލާއިރު ރާއްޖޭގެ އޭވިއޭޝަން ޕްލެޓްފޯމްގައި ތިބީ އިންޑިއާގެ 76 ސިފައިންެނެވެ. އެ އެންމެން މިހާރު ވަނީ ފައިބާފަ އެވެ.



