ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބާއްވަން ގާނޫނުއަސަސީއަށް ސަރުކާރުން ހުށަހެޅި އިސްލާހުގެ މަސައްކަތް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީ މެންބަރު އިހްތިޖާޖުކޮށް، ނިޒާމް ގެއްލުވާލުމުން، ޖަލްސާ މެދުކަނޑާލައިފިއެވެ.
މިއަދު ހެނދުނު ފެށި އެ ޖަލްސާ މެދުކަނޑާލިއިރު އެމްޑީޕީގެ ހަތަރު މެންބަރެއްގެ ނަން ވަނީ އިއްވާފައެވެ. އަދި ބައެއް މެންބަރުން ތަޅުމުން ވެސް ވަނީ ބޭރުކޮށްފައެވެ.
އެ ހަތަރު މެންބަރުނަކީ:
° ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު
° ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު
° ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް
° ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު
މަޖިލީހުގައި އެމްޑީޕީ މެންބަރުން ދިޔައީ ރިޔާސަތު ކުރިމަތީގައި އިހުތިޖާޖު ކުރަމުންނެވެ.
ޖަލްސާ މެދުކަނޑާލި ވަގުތު ކުރިއަށް ދިޔައީ، ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލަން ގާނޫނުއަސާސީއަށް ވެރިކަންކުރާ ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ހުށަހެޅުއްވި އިސްލާހުގެ ބަހުސެވެ.
ބަހުސްގެ ތެރެއިން މެންބަރު ފަލާޙް ދެވަނަ ފުރުސަތަކަށް އެދުމުން ރިޔާސަތުން ވަނީ އޭނާއަށް އެ ފުރުސަތު އަރުވައިފައެވެ. މައްސަލަ ހޫނުވީ އެ ހިސާބުންނެވެ.
އެގޮތުން، މެންބަރު ފަލާޙްގެ ވާހަކަ ވަކި ހިސާބަކަށް ދިޔަތަނާ އެމްޑީޕީ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު ވަނީ އެކަމާ ނުރުހުން ފާޅުކުރައްވައިފައެވެ. ޒިޔާދު ވިދާޅުވީ، އޭނާ އެދުނީ ފުރަތަމަ ފުރުސަތަށް ކަމަށާއި މަޖިލީހުގެ ގަވާއިދުގައި ވާގޮތުން ދެވަނަ ފުރުސަތަކަށް އެދުނު މެންބަރަކަށް ދެވޭނީ އޭގެ ފަހުން ކަމަށެވެ.
ނަމަވެސް، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ، މެންބަރު ޒިޔާދު ފުރުސަތަށް އެދިވަޑައިގަތުމަށްފަހު ކެންސަލްކުރެއްވީ ކަމަށާއި މެންބަރުންނަށް ފުރުސަތު ދެމުން އަންނަނީ އެދިފައިވާ ތަރުތީބުން ކަމަށެވެ.
އަނެއްކާ ވެސް އިނގުރައިދޫ ދާއިރާގެ މެންބަރު ވާހަކަދައްކަވަން މަޖިލިސް ރައީސް ފުރުސަތު ދެއްވުމުން، އެމްޑީޕީގެ މެންބަރުން އިހުތިޖާޖުކުރައްވަން ފެއްޓެވިއެވެ.
”މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އަޅުގަނޑު މި ދަންނަވަނީ، އަޅުގަނޑު ފުރުސަތު އެރުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް، އަޅުގަނޑު ކުރިމަތީ ހުރި ޕޯޓަލުގައި އޮތް ތަރުތީބުން“ ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އިހުތިޖާޖުކުރަން ފެށުމުން ޢަބްދުއްރަޙީމް އެންމެ ފުރަތަމަ އިއްވެވީ ޒިޔާދުގެ ނަމެވެ. ޒިޔާދަށް ފަހު ދެން އިއްވެވީ މީކާއީލްގެ ނަމާއި ނިއުޝާދުގެ ނަމެވެ. އެއަށް ފަހު، ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދާއި މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ޢަބްދުއްރަޙީމް ގެންދެވީ ތަކުރާރުކުރައްވަމުންނެވެ. އަދި އެ މެންބަރުން ތަޅުން ދޫކުރައްވައި ވަޑައިގަންނަވަންދެން ކަމަށް ވިދާޅުވެ، މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލައިފައެވެ.



