ތިން ރަށެއްގައި ފެނަކައިން ކުރިއަށްގެންދާ ކަރަންޓް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ.
އެ ތިން ރަށަކީ ށ. ފޭދޫ، ފޯކައިދޫ އަދި ފީވަކެވެ.
މި މަސައްކަތުގެ ތަފްސީލު ދެމުން ފެނަކައިން ބުނީ ފޭދޫގައި ކުރިއަށްދާ އައު އިންޖީނުގެއަށް ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން ޖުމްލަ 3800 މީޓަރުގެ ކޭބަލް އެޅުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ތެރެއިން %75 ކޭބަލް މިހާރު ވަޅުލައި ނިމިފައިވާ ކަމަށް ފެނަކައިން ބުންޏެވެ. މިހާރު އެރަށުގައި ކަރަންޓު ދެމުން ގެންދަނީ 35sqmm ގެ ކޭބަލުންކަމަށް ވާއިރު، މިގެންނަ ބަދަލާއެކު މިހާރު އަޅަމުންދަނީ 120smm އަދި 150sqmm ސައިޒުގެ ކޭބަލު ކަމަށް ވެސް ބުންޏެވެ.
ފެނަކައިގެ އައު އިންޖީނުގެއަށް ރިލޮކޭޓްވުމަށް ކުރަމުންދާ މި މަސައްކަތް އެއްކޮށް ނިމި ޚިދުމަތް ފެށުމުން، ރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެއެވެ.
ފޯކައިދޫގައިވެސް ކަރަންޓު ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް ފެނަކަގެ ފަރާތުން ކުރިއަށް އެބަދެއެވެ. އެގޮތުން އައު ކޭބަލް ވަޅުލުމުގެ މަސައްކަތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް އައު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން ރަށުގައި ބެހެއްޓިފައިވާ 11 ޑިސްޓްރިބިއުޝަން ފޮށްޓެއް މިހާތަނަށް ވަނީ ބަދަލު ކޮށްފައެވެ. އަދި ރަށުގައި މިހާރު ބޭނުން ކުރަމުންދާ 16sqmm ކޭބަލް، 50sqmm – 150sqmm ކޭބަލަށް އަޕްގްރޭޑް ކުރެވިގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ. މި މަސައްކަތް ނިމުމުން ކަރަންޓު ވޯލްޓޭޖް ދަށްވުމުގެ މައްސަލައަށް ޙައްލެއް ލިބި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެއެވެ.
މީގެ އިތުރުން ފީވަކުގައި، އެރަށު ކައުންސިލުން ތަރައްޤީކުރާ އެކޮމޮޑޭޝަން ބްލޮކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އެބަދެއެވެ. އެކޮމޮޑޭޝަން ބްލޮކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މިހާރު ކުރަމުން ދަނީ އައު ޑިސްޓްރިބިއުޝަން ފޮށްޓެއް ބެހެއްޓުމުގެ މަސައްކަތެވެ.



