އާރްޓީއެލްގެ ޚިދުމަތް އަންނަ ހަފުތާގައި ފ.އަތޮޅާއި ދ.އަތޮޅުގައި ފެށުމަށް ނިންމައިފިއެވެ.
މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެންދޭ ޚިދުމަތެކެވެ.
އެގޮތުން މި ދެ އަތޮޅު ހިމެނޭހެން ޖުމުލަ 4 ރޫޓަކަށް ދަތުރުތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެއީ، ފ.އަތޮޅުގެ 1 ރޫޓާއި، ދ.އަތޮޅުގެ 2 ރޫޓުގެ އިތުރުން ދ.އަތޮޅާއި ފ.އަތޮޅާ ދެމެދު ބާއްވާ ފެރީ ރޫޓެވެ. ފ.އަތޮޅާއި ދ.އަތޮޅާ ދެމެދު ދަތުރުތައް ބާއްވާނީ، ނިލަންދުއާއި މީދޫއާއި ދެމެދުގައެވެ.
މި ދެ އަތޮޅުގައި ތަޖުރިބާ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ، އަންނަ ހަފުތާގެ އަންގާރަ ދުވަހުއެވެ. މި ދަތުރުތައް 1 ހަފުތާއަށް ކުރިއަށްގެންދާއިރު ތަޖުރިބާ ދަތުރުތައް ކުރާނީ އެއްވެސް އަގަކާ ނުލައި މުޅިން ހިލެއެވެ.
އެމްޓީސީސީއިން މިހާރު ގެންދަނީ، މި ދެ އަތޮޅުގައި ދަތުރުތައް ފެށުމުގެ ކުރިން، ރައްޔިތުން ހޭލުންތެރިކުރުމުގެ ސެޝަންތައް ބާއްވަމުންނެވެ. މި ސެޝަންތަކުގައި ރޫޓުތަކުގެ މަޢުލޫމާތާއި، އަގުތަކާއި، ފެރީގެ ޚިދުމަތް ހޯދުމުގައި ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން އާއްމުން ހޭލުންތެރި ކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މި ދެ އަތޮޅަށް އަގު ނަގައިގެން ދަތުރުތައް ފަށާނީ، މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފައިވެއެވެ.



