ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީޕީއައި) ގައި ރާއްޖެއަށް މިދިޔަ 2025 ވަނަ އަހަރު 100 އިން 39 ލިބި ކޮރަޕްޝަންގެ ހާލަތު ދާދި އެއްވަރެއްގައި އޮތްކަމަށް ދައްކާފައިވީނަމަވެސް، އެއީ އޭގެ ޒާތުގައި ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފިއެވެ.
އޭސީސީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ ސީޕީއައި އަކީ ގައުމުތަކުގައި، ”ކޮރަޕްޝަން އޮންނަ މިންވަރުކަމަށް ދެކޭ މިންވަރު“ ބަލާ އެންމެ އާންމު މިންގަނޑު ކަމަށެވެ. އަދި ސީޕީއައި އަކީ އޭގެ ޒާތުގައި، ކޮރަޕްޝަން އޮތް މިންވަރު ބަލާ ދިރާސާއެއް ނޫން ކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ބުނެފައިވެއެވެ.
އޭސީސީން ބުނީ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް އިން ކޮންމެ އަހަރަކު ނެރޭ އެ އިންޑެކްސް ތައްޔާރުކުރަނީ އެކި ފަރާތްތަކުން ކުރާ ދިރާސާތަކުން ފެންނަ ނަތީޖާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށާއި މިއީ ދެކޭ ގޮތް (ޕާސެޕްޝަން)ގެ މައްޗަށް ބިނާކުރާ ދިރާސާއަކަށް ވުމުން އިންޑެކްސްގެ ސްކޯ އަދި ރޭންކިން ބިނާވަނީ ދެކޭ ގޮތުގެ މައްޗަށް ރިއާޔަތްކޮށް ނެގޭ މައުލޫމާތުގެ މައްޗަށް ކަމަށެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މިއަދު ބުނި ގޮތުގައި، ސީޕިއައިގައި ރާއްޖެ މިދިޔަ އަހަރު ވަނީ އެއް ޕޮއިންޓު ކުރިއަށް ޖެހިލައިފައެވެ. އޭގެ ކުރީ އަހަރު ސީޕިއައިގައި ރާއްޖެއަށް ލިބުނީ 100 އަކުން 38 ކެވެ.
މި ރޭންކިންގައި ކޮރަޕްޝަން ޕާސެޕްޝަންގެ އެންމެ ގޯސް އަދަދަކީ 1 އެވެ.
ސީޕީއައި ރޭންކިންގައި މިވަގުތު ރާއްޖެ އޮތީ 182 ގައުމުގެ ތެރެއިން 91 ވަނައިގައެވެ.
އޭސީސީން ބުނި ގޮތުގައި ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލް ރާއްޖޭގެ މިދިޔަ އަހަރު ސީޕީއައި ސްކޯ އާއި ރޭންކް ކަނޑައެޅުމަށް ބޭނުންކޮށްފައި ވަނީ ހަމައެކަނި ތިން މަސްދަރެކެވެ.
އެއީ:
° ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކް ރޭޓިންގްސް
° ވޯލްޑް ބޭންކް ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓް
° ވެރައިޓީސް އޮފް ޑިމޮކްރަސީ
އެހެންކަމުން މިއީ ރާއްޖޭގައި ކޮރަޕްޝަން އޮތް މިންވަރު ސީދާ ވަޒަންކޮށްފައިވާ ދިރާސާތަކެއް ނޫން ކަމަށް އޭސީސީން ބުންޏެވެ.




