ދިވެހިރާއްޖޭގައި ހުއިފިލަނޑާ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބާއްދަލުވުމެއް ބާއްވަން ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން ބުނީ ހުއިފިލަނޑާ މަސްވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ޕްރޮސެސަރުންނާއި، އެކްސްޕޯޓަރުންނާއެކު ބައްދަލުވުމެއް ބާއްވަން ބޭނުންވާކަމަށެވެ. އަދި، މި ބައްދަލުވުން ބާއްވާނީ މާދަމާ ހެނދުނު 09:00 އިން 10:00 އަށް ވެލާނާގޭ ދެވަނަ ފަންގިފިލާގައި ކަމަށް ބުނެފައި ވެއެވެ.
ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ، އދގެ ”ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑޭންޖާޑް ސްޕީސީސް(ސައިޓީސް) ގެ ޖަދުވަލު-2 އަށް ރާއްޖޭގައި ވިޔަފާރީގެ ބޭނުމަށް ނަގާ ދެ ބާވަތެއްގެ ހުއިފިލަނޑާ އިތުރުކޮށްފައިވާތީ، އެކަމާ ގުޅޭގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތަފުސީލު ހިއްސާކުރުމަށްކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ލިންކުން ނުވަތަ ކިއު އާރް ކޯޑް މެދުވެރި ކޮށްގެން ރަޖިސްޓްރޭޝަން ފޯމް ފުރުމަށް މިނިސްޓްރީން އެދިފައި ވެއެވެ.
ހުއިފިލަނޑާގެ މަސްވެރިކަން ރާއްޖޭގައި ކުރަން ފަށާފައިވަނީ 1985 ވަނަ އަހަރު އެވެ. ރާއްޖޭގައި މިހާތަނަށް 27 ބާވަތެއްގެ ހުއިފިލަނޑާ ރިކޯޑުކުރެވިފައިވާއިރު، މީގެ ތެރެއިން އާއްމުކޮށް ނަގަނީ 15 ބާވަތެއްގެ ހުއިފިލަނޑާކަމަށް ކަމަށް ފިޝަރީޒް މިނިސްޓްރީން މީގެ ކުރިން ބުނެފައި ވެއެވެ.
ހުއިފިލަނޑާ އާލާކޮށް އެވިޔަފާރި ފުޅާކުރުމަކީ މިނިސްޓްރީން ވަރަށްބޮޑަށް އިސްކަމެއްދޭކަމެކެވެ.ފިޝަރީޒް މިނިސްޓްރީއާއި ވާލްޑް ބޭންކު ގުޅިގެން ހުއިފިލަނޑާ އާލައިކޮށް ވިޔަފާރި ކުރާފަރާތްތަކަށް ހިލޭ އެހީދިނުމަށްވެސް ނިންމާފައި ވެއެވެ.



