ސައިންސްގެ ރޮނގުން، މުޅި ދުނިޔެއަށް ފައިދާކުރަނިވި މާހައުލެއް ބިނާކުރުމުގެ އެންމެ މުހިންމު ބިންގަލަކީ އަންހެނުންނާއި އަންހެން ކުދިންގެ ހަމަހަމަ ބައިވެރިވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ”އިންޓަރނޭޝަނަލް ޑޭ އޮފް ވިމެން އެންޑް ގަރލްސް އިން ސައިންސް“ ނުވަތަ ”ސައިންސްގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނާއި އަންހެން ކުދީންގެ ދުވަހުގެ“ މުނާސަބަތުގައި ފޮނުއްވި ސޯޝަލް މީޑިއާ މެދުވެރިކޮށް ފޮނުއްވި ޚާއްސަ މެސެޖުގައެވެ.
އެމަނިކުފާނުގެ މެސެޖްގައި، ރާއްޖޭގެ ތަރައްޤީގެ ދަތުރު ބިނާވެފައިވަނީ ފަންނީ ދާއިރާތަކުން އަންހެނުން ބާރުވެރިކުރުވުމުގެ މައްޗަށްކަމުގައި ވިދާޅުވެފައިވެއެވެ.
މޫސުމީ ބަދަލުތަކުން ރައްކާތެރިވުމާއި، އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމުގައި އަންހެނުންގެ އިސްނެގުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަމިއާއެކު މަތީ ތަޢުލީމާއި، ސްކޮލަރޝިޕް އަދި ފަންނީ ތަމްރީނުތަކަށް އަދުގެ ސަރުކާރުން ދެއްވާ އިސްކަމުގެ ނަތީޖާއެއްގެ ގޮތުން، ސައިންސް، ޓެކްނޯލޮޖި، އިންޖިނިއަރިންގ އަދި މެތަމެޓިކްސް (ސްޓެމް)، އައި.ސީ.ޓީ އަދި މެރިން ސައިންސް ފަދަ ދާއިރާތަކަށް ދިވެހި އަންހެނުން ޝައުޤުވެރިވެ، މިދާއިރާއަށް ވަންނަ މިންވަރު އިތުރުވަމުންދާތީ އެކަން ފާހަގަކުރައްވައި، އެކަމަށްވެސް އެމަނިކުފާނުގެ މެސެޖުގައި ތައުރީފު ކުރައްވާފައިވެއެވެ.




