ކުވައިތުގެ އަމީރު ޝައިޚް މިޝާލް އަލް-އަހްމަދު އަލް-ސަބާހް، އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލައިފި އެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި އަމީރު މިކަން ހާމަކުރެއްވީ އިއްޔެ ކުވައިތުގެ ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ތަގުރީރެއްގަ އެވެ.
މި ތަގުރީރުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ގާނޫނު ހަދާ މަޖިލިސް އުވާލައި، ގާނޫނު އަސާސީގެ ބައެއް މާއްދާތައްވެސް އުވާލަން ނިންމާފައިވާކަމަށެވެ. މި ނިންމުމާއި ގުޅިގެން ގާނޫނު ހަދާ މަޖިލީހުގެ ބައެއް ބާރުތައް ޝާހީ ދަރުބާރުން އެކުލަވާލާ ކެބިނެޓަަކަށް މަތިކުރަންވަނީ ނިންމަވާފަ އެވެ.
ކުވައިތުގެ ގާނޫނު ހަދާ މަޖިލިސް އުވާލާފައި މިވަނީ މިދިޔަ މަހު އާންމު އިންތިޚާބެއް ބޭއްވުމަށްފަހު އަންނަ ހޯމަ ދުވަހު ގާނޫނު ހަދާ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވަނިކޮށްނެވެ.
ގާނޫނު ހަދާ މަޖިލިސް އުވާލަން ޖެހިފައި މިވަނީ ކެބިނެޓާއި، ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ބައެއް ކަންކަމުގައި ޚިޔާލު ތަފާތުވުންތައް އުފެދި އެކަން ބޮއްސުންލައިގެން ދިއުމާއި ގުޅިގެންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.
ގާނޫނު ހަދާ މަޖިލިސް ކުއްލިގޮތަކަށް އުވާލުމާއި ގުޅިގެން ކުވައިތުގެ ސިޔާސީ މަސްރަހު މިހާރުވަނީ އިތުރަށް ހަލަބޮލިވެފަ އެވެ.




