އަމީނީމަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ގޯތި ތެރެއަށް ވަގަށް ވަދެ، އެތަނުގައި ހުރި މުރަނގަފަތް ގަހަކުން ފަތް ބިންނަން އުޅުނު މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހައިފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ ހުއްދަ ނޫން ތަނަކަށް ވަންނަން އުޅުމާއި ވައްކަން ކުރުމުގެ ތުހުމަތުގައެވެ.
އެމީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ފަސް ދުވަސް ދީފައިވަނީ އޭނާގެ ފުށުން މުޖުތަމައުއަށް ނުރައްކާވެދާނެތީ ކަމަށް ބުނެއެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހާއަކީ މީގެކުރިން ވެސް އެކި ފަހަރު މަތިން ބަންދުކުރި ކަމުގެ ރެކޯޑް އޮތް މީހެކެވެ. އޭނާ އިއްޔެ ބަންދު މަޖިލީހުގައި ބުނެފައިވަނީ އޭނާ ސްޓެލްކޯގެ އިމާރާތަށް ވަދެފައިވާނެ ކަމަށާއި އެތަނަށް ވަނީ މުރަނގަފަތް ބިންނަން ކަމަށެވެ.
އޭނާ ވަނީ ދިފާއުވާން ގާނޫނީ ވަކީލެއް ވެސް ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ، ކޯޓުން އެކަމަށް ފުރުސަތު ދީފައިވެއެވެ.




